މާލެ އަތޮޅު ކައުންސިލް ރައީސް ހިމެނޭގޮތަށް، ހުސްވެފައިވާ ލޯކަލް ކައުންސިލްގެ 3 ގޮނޑިއަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއްގެ އެއް ގޮނޑި އިންތިހާބަކާއި ނުލައި ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީއަށް ލިބިއްޖެއެވެ.
މި ގޮނޑިތަކަށް ޕީޕީއެމް-ޕީއެންސީ ކެނޑިޑޭޓުން އިންތިހާބަކާއި ނުލައި ހޮވުނީ އެ ގޮނޑިތަކަށް މެމްބަރުން އިންތިހާބުކުރަން ބޭއްވި ބައި އިލެކްޝަނަށް އިތުރު ބަޔަކު ވާދަނުކުރުމުންނެވެ.
ޕީޕީއެމް ޕީއެންސީގެ ކެނޑިޑޭޓުންނަށް ކާމިޔާބުވި ގޮނޑިތަކަކީ، ކ. އަތޮޅު ކައުންސިލްގެ ރައީސް، ށ. މަރޮށި ކައުންސިލާއި އަދި ގދ. ފަރެސްމާތޮޑާ ކައުންސިލުން ހުސްވެފައިވާ ކައުންސިލަރުގެ ގޮނޑިއާއި އއ. ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ މެމްބަރުގެ ގޮނޑިއެވެ.
ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިހާބުވީ ޕީއެންސީގެ ކެނޑިޑޭޓް އަޙްމަދު އަނީސްއެވެ. ށ. މަރޮށި ކައުންސިލްގެ މެންބަރުކަމަށް އިންތިހާބުވީ ޕީއެންސީގެ ކެނޑިޑޭޓް ޙުސައިން ނާޡިމްއެވެ. އަދި ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރުކަމަށް އިންތިހާބުވީ ޕީއެންސީގެ ކެނޑިޑޭޓް ޙަސަން ޢާޞިމްއެވެ. މީގެއިތުރުން އއ. ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް ޕީޕީއެމްގެ ކެނޑިޑޭޓް ވަސީމާ އިބްރާހީމް ވަނީ އިންތިހާބުވެފައެވެ.
ލޯކަލް ކައުންސިލްގެ 4 ގޮނޑިއެއް ސަރުކާރު ލިބިފައިވާއިރު، އިއްޔެ ބޭއްވި 5 ބައި އިލެކްޝަނެއްގެ ތެރެއިން 3 ބައި އިލެކްޝަނެއްވެސް ސަރުކާރު ހިންގާ ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފައެވެ.