ޚަބަރު

އިންޑިއާ ސިފައިން ބޭލުން އަވަސްކުރުމަށް އެޤައުމުން އެއްބަސްވެއްޖެ


  • މިގޮތަށް އެއްބަސްވީ މިއަދު ބޭއްވި، ދެޤައުމުގެ މަތީފަންތީގެ ބައްދަލުވުމުގައި

  • މިބައްދަލުވުމުގައި ދެޤައުމުގެ ރަޙުމަތްތެރިކަމުގެ ގުޅުމާމެދު ވަނީ މަޝްވަރާކުރައްވާފައި

  • އަންނަ މާޗްމަހުގެ 15ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން ބޭލުމަށް ރާއްޖެއިން އެދޭ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ދިވެހި ސަރުކާރުން އެދޭގޮތަށް އަވަސްކުރުމަށް އިންޑިއާއިން އެއްބަސްވެއްޖެއެވެ.

ރާއްޖޭގެ ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ދެޤައުމުގެ މަތީ ފަންތީގެ ބައްދަލުވުމުގައި ދެފަރާތުންވެސް ވަނީ މިހާރު ދެގައުމުން މިކަމުގައި އެއްޤައުމު އަނެއްޤައުމަށް އެއްބާރުލުން ދިނުމުގެ ކަންކަން މުރާޖަޢާކޮށްފައިކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

މިއަދު ނެރުއްވި ބަޔާނެއްގައި އެވުޒާރާއިން ވިދާޅުވީ މިއަދު ބޭއްވި ބައްދަލުވުމުގައި ދެޤައުމުން ވަނީ ތަރައްޤީގެ ރޮނގުގައި އެއްބާރުލުން ދިނުމާއި ދެޤައުމުގެ އެކުވެރިކަމުގެ ގުޅުމުގެ ތެރެއިން ދެފަރާތުގެ ޝައުޤުވެރިވާ ކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިކަމަށެވެ. އަދި ރާއްޖޭގައިތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ދިވެހި ސަރުކާރުން އެދޭގޮތަށް އަވަސްކުރުމާމެދު އިންޑިއާއިން އެއްބަސްވެފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާސިފައިން ބޭލުމުގެ މައްސަލާގައި ދެޤައުމުގެ ދެމެދުގައި ސިލްސިލާ ގޮތެއްގައި މަޝްވަރާބައްދަލުވުންތައް އަންނަނީ ބާއްވަމުންނެވެ. އެގޮތުން ދެޤައުމުގެ މަތީ ފަންތީގެ އިސްވެރިންގެ ބައްދަލުވުމެއް މިއަދު ރާއްޖޭގެ ޚާރިޖީ ވުޒާރާގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ކަރުދާހުގައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މާޗްމަހުގެ 15ވަނަ ދުވަހުގެ ކުރިން މިރާއްޖެއިން ފޭބުމަށް ދިވެހި ސަރުކާރުން އެދޭކަމަށް ވިދާޅުވެފައެވެ.