ޚަބަރު

އެންމެފަހުން ކުރި ވިއްސާރައިގައި ގެއްލުންވި ގެތަކަށް 7 ލައްކަ ރުފިޔާ


  • ސްޓަކްޗަރަލް ގެއްލުންތަކުގެ އަގު 1.11 މިލިއަން ރުފިޔާއަށް އަރާ

  • އިންސާނީ އެހީގެ ގޮތުގައި 711،541.70 ރުފިޔާ

  • މީގެތެރެއިން 20 ގެއަކީ މިދިޔަ މަހުވެސް ގެއްލުން ލިބުނު ގެތަކެއް

މިދިޔަ ހުކުރު ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެގެން ގެއްލުން ލިބުނު ގެތަކަށް އެހީގެ ގޮތުގައި 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް 78 ތަނެއްގައި ޑެމޭޖް އެސެސްމަންޓް ހަދަން ނިންމި ކަމަށެވެ. އޭގެތެރެއިން 53 ގެއެއްގެ އެސެސްމަންޓް ނިމިފައިވާކަމަށާއި، އޭގެތެރެއިން 48 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އަދި 19 ތަނަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާކަމަށް ބުނެފައިވާކަމަށާއި 6 ތަނަކަށް އެކި ސަބަބުތަކާ ހުރެ އެސެސްމަންޓް ހަދަން ނުވަދެވުނުކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ގޭބީސީތަކުގައި ހިފާ ގެންގުޅޭ ތަކެއްޗަށާއި ލިބުނު ސްޓަކްޗަރަލް ގެއްލުންތަކުގެ އަގު 1.11 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މިހާތަނަށް އެސެސްމަންޓް ހަދާފައިވާ ގެތަކަށް އިންސާނީ އެހީގެ ގޮތުގައި 711،541.70 ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ ހުކުރު ދުވަހު ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން އެންޑީއެމްއޭއަށާއި ސިފައިންނާއި ރެޑްކްރެސެންޓުގެ ހޮޓްލައިންތަކަށް 494 ކޯލް ލިބުނު ކަމަށާއި އަދި ފެން ވަދެގެން 227 ތަނަކަށް އެކިވަރުގެ ގެއްލުން ލިބުނުކަމަށް ރިކޯޑްކުރެވިފައިވާކަމަށެވެ.

އެންޑީއެމްއޭއިން ބުނީ ގެއްލުން ލިބިގެން އެ ސެންޓަރަށް ރިޕޯޓްކުރި ތަންތަނުގެ ތެރެއިން 193 ތަނަކަށް އިޖާބަދެވުނު ކަމަށާއި ފެންވަންނަ މިންވަރު ކުޑަކުރުމަށް 152 ދެތަނެއްގައި 1018 ވެލިބަސްތާ ޖެހި ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި އެހީ ބޭނުންވާ 43 ގޭބީސީއެއްގެ ރެޕިޑް އެސެސްމަންޓް ރެޑްކްރެސެންޓްގެ އެހީތެރިކަމާއެކު ހެދި ކަމަށާއި 18 ގޭބީސީއެއްގެ 110 މީހުންނަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވެހިކަމާއި ކެއުން ބުއިން ހަމަޖައްސާދީފައިވާކަމަށްވެސް އެ ސެންޓަރުން މައުލޫމާތުދެއެވެ.

މީގެއިތުރުން މިދިޔަ ޑިސެމްބަރުގައި މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި އެހީ ދިން ގެތަކުގެ ތެރެއިން 20 ގެއަކަށް އަލުން މި ވިއްސާރައިގައި ގެއްލުން ލިބި، އެސެސްމަންޓް ހަދާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެންޑީއެމްއޭއިން ބުނީ ވިއްސާރަވެގެން ގެއްލުން ލިބުުމުގެ ދެ ހާދިސާއެއް ކައިރިކައިރީގައި ހިނގުމުން ލިބިފައިވާ ގެއްލުންތައް ބޮޑުކަމަށެވެ.

މިމަހު ރާއްޖެކުރި ވިއްސާރައިގައި މިހާތަނަށް މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްތަކަށްވެސް ގެއްލުންތައް ލިބިފައިވެއެވެ. އަދި މިދިޔަ މަހުގެ 31ގައި ކުރި ވިއްސާރައިގައި މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން 70 ގެއަކަށް އެހީގެ ގޮތުގައި 4 ލައްކަ ރުފިޔާ ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.