ޚަބަރު

ރާއްޖޭގައި ފަތުވާ ދިނުމުގެ ނިޒާމް ހަރުދަނާކުރުމަށް އޯއައިސީން އެހީތެރިވަނީ


  • ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްޤީކުރުމަށް އެހީވެދޭނެ

  • ޒަމާނީ ފިޤުހީ މައްސަލަތަކަށް އިލްމީ ޙައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރާނެ

  • ޕްރޮފެސަރ ޤުޠުބު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވި

ފަތުވާ ދިނުމުގެ ނިޒާމް ހަރުދަނާކޮށް ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްޤީކުރުމަށްޓަކައި އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީއާއެކު ސަރުކާރުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. އަދި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން(އޯއައިސީ)ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެކަޑަމީގެ ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ޑރ. ޤުޠުބު މުޞްޠަފާ ސާނޫއެވެ.

ރާއްޖެއާ އޯއައިސީ އާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ފަތުވާ ދިނުމުގެ ނިޒާމް ހަރުދަނާކޮށް ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްޤީކޮށް ޒަމާނީ ފިޤުހީ މައްސަލަތަކަށް އިލްމީ ޙައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގައި ޑރޝަހީމް ވަނީ ޕްރޮފެސަރ ޤުޠުބު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.

އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމީ ފިޤުހު އެކަޑަމީއަކީ އިސްލާމީ ދުނިޔޭގައި އޮންނަ އިސްލާމީ ޢިލްމީ އެންމެ މަތީ ކައުންސިލެވެ. މި ކައުންސިލްގެ ހެޑް އޮފީސް ހުންނަނީ ޖިއްދާގައެވެ. މިދައުރުގައި އެތަނުގެ ވެރިއަކަށް ހުންނެވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ނައިބްރައީސް ޕްރޮފެސަރ ޑރ. ޤުޠުބު މުޞްޠަފާ ސާނޫއެވެ.