ޚަބަރު

ކޮރަލް ބޮލެވާޑްގެ މައްސަލައިގައި 6.5 ބިލިއަން ރުފިޔާގެ ބަދަލެއް ހޯދަނީ


  • މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރު

  • 2019 ވަނަ އަހަރު ސަރުކާރުން ވަނީ އެ ކުންފުންޏަށް ދީފައިވާ ބިން އަތުލާފައި

  • ކޯޓަށް މައްސަލަ ހުށަހެޅީ ބަދަލެއްގެ ގޮތުގައި ބިމެއް ނުދިނުމުން

"ކޮރަލް ބޮލެވާޑް" ނަމުގައި ރެޒިޑެންޝަން ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ސިންގަޕޫރުގެ ކުންފުންޏަކަށް ދިން ބިން އަތުލި މައްސަލައިގައި ބަދަލެއްގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ހޯދަން ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް އެބައޮތްކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ރެޒިޑެންޝަން ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ރަސްފަންނު ކުރިމަތިން ސިންގަޕޫރުގެ ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުންޏަށް ބިމެއް ދީފައިވަނީ 2018 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ، ނަމަވެސް 2019 އަހަރު ކުރީ ސަރުކާރުން ވަނީ ރަސްފަންނު ސަރަހައްދުން ދީފައިވާ ބިން އަތުލައި، ހުޅުމާލެއިން ބިމެއް ދިނުމަށް ނިންމާފައެވެ.

ކޮރަލް ބޮލެވާޑް ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ރަސްފަންނު ސަރަހައްދުން އަތުލި ބިމުގެ ބަދަލުގައި ސަރުކާރުން އެކުންފުންޏަށް ހުޅުމާލެއިން ދޭން އެއްބަސްވި ބިން ދީފައިނުވާތީއެވެ. ކޮރަލް ބޮލެވާޑް ކުންފުނިން ދައުލަތާއި، ހައުސިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ބިން ހަމަޖައްސައި ދީފައިނުވާތީ ބަދަލެއްގެ ގޮތުގައި 426.8 މިލިއަން ޑޮލަރު ނުވަތަ 6.5 ބިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

މިމައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް އޮތްތޯ ބެލުމަށް ކޯޓުން ނިންމާފައިވަނީ މިއީ އެ ކޯޓަށް ބެލޭނެ މައްސަލައެއްކަމަށެވެ. އަދި އެއްބަސްވުމާއި ހިލާފުވެފައިވާރީ މި މައްސަލައިގައި ހައުސިންގ މިނިސްޓްރީގެ މައްޗަށް ދައުވާ ކުރެވޭނެކަމަށާއި، ނަމަވެސް ދައުލަތާއި ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ދައުވާ ނުކުރެވޭނެކަމަށް ކޯޓުގެ ނިންމެވުމުގައިވެއެވެ.

މިމައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް އޮތްކަމަށް ނިންމަވާފައިވާތީ، މައްސަލައިގެ ދައުވާ ތައްޔާރުކޮށް 14 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށްވެސް ހުކުމްގައިވެއެވެ.

ކޮރަލް ބޮލެވާޑް މަޝްރޫޢުގެ ދަށުން ރަސްފަންނު ސަރަހައްދުގައި 25 ބުރިއާއި 28 ބުރީގެ 4 ޓަވަރެއް އެޅުމަށް އޮތީ ނިންމާފައެވެ. މީގެ ތެރެއިން 3 ޓަވަރުގެ 549 ޔުނިޓް ދިރިއުޅުމުގެ ބޭނުމަށް ޚާއްސަކޮށްފައިވާއިރު ދެން ހުރި ތަންތަން ޚާއްސަކޮށްފައިވަނީ ވިޔަފާރިތަކަށެވެ.

ކުރީ ސަރުކާރުން ކޮރަޕް ބޮލެވާޑް މަޝްރޫޢަށް ދީފައިވާ ބިން އަތުލާފައިވަނީ އެ ތަނުގައި މަސައްކަތް ކުރިއަށް ދަނިކޮށެވެ. އަދި އޭރު ބައެއް ފަރާތްތަކުން ވަނީ އެތަނުން ފްލެޓް ގަންނަން ފައިސާވެސް ދައްކާފައެވެ.