ޚަބަރު

ރާއްޖޭގައި ހުންނަ ރާބިތާ އޮފީހުގެ މަސައްކަތްތައް އަނެއްކާވެސް ފަށަނީ


  • ރާބިތަތުލް އާލަމިލް އިސްލާމިއްޔާއަކީ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއް

  • ރާބިތާ އޮފީހުގެ މަސައްކަތްތައް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއަށްދިޔަ

ރާއްޖޭގައި ކުރިން ހިންގި ރާބިތަތުލް އާލަމިލް އިސްލާމީއްޔާގެ އޮފީހުގެ މަސައްކަތްތައް އަނެއްކާވެސް ފެއްޓެވުމަށް ނިންމަވައިފިއެވެ.

މުސްލިމް ވޯލްޑް ލީގް ނުވަތަ ރާބިތަތުލް އާލަމިލް އިސްލާމިއްޔާއަކީ ސައުދީ އަރަބިއްޔާގެ މައްކާގައި 1962 ގައި އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.

މާލޭގައި ހުންނަ އެ ޖަމުއިއްޔާގެ އޮފީހުގެ މަސައްކަތްތައް އަނެއްކާވެސް ފެއްޓެވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާބިތާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ.އަބްދުއްރަހްމާން ބިން އަބްދުﷲ ޒައިދުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މައްކާގައި ހުންނަ ރާބިތާގެ މައި އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އަދި ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެޑައިގެންނެވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްލާމީ ތަސައްވުރު ހިއްސާކުރައްވާފައިވާކަމަށެވެ. އަދި ރާބިތާއާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެއްވިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ރާބިތާއާ ދެމެދު 2012 އިން 2015 އަށް ސޮއިކޮށްފައިވާ ތިން އެއްބަސްވުމަށް އަމަލުކުރަން ފަށައި، ރާއްޖޭގައި ރާބިތާގެ އޮފީހުގެ މަސައްކަތްތައް އަލުން ފެށުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްގީކުރުމުގައި ރާބިތާގެ އިސްލާމީ ފިގުހު އެކަޑަމީގެ އެހީތެރިކަން ހޯދުމުގެ މަޝްވަރާތައްވެސް މި ބައްދަލުވުމުގައި ކުރިއަށްދިޔަކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.