ޚަބަރު

އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރައްވަން ޝަވީދު ނިންމަވައިފި


އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރައްވަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޝަވީދު ނިންމަވައިފިއެވެ. 

ޝަވީދު މިހެން ނިންމަވާފައިމިވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްމަގާމެއްގައި ހުރި އެއްވެސް ބޭފުޅަކަށް ދިވެހިރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގާކޮމިޓީގެ މަގާމަކަށް ކުރިމަތި ނުލެވޭނެކަމަށް ސްޕޯޓްސްކައުންސިލުން ޤަރާރެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. 

ނޫސްވެރިންނަށް މިއަދު މައުލޫމާތުދެއްވަމުން ޝަވީދު ވިދާޅުވީ ސްޕޯޓްސް ކައުންސިލުން ނެރެފައިވާ އެ ޤަރާރު ގަބޫލުނުކުރައްވާކަމަށާއި، އެ ޤަރާރަކީ ދުނިޔޭގެ އޮލިމްޕިކް ޗާޓަރާއި ޚިލާފު ޤަރާރެއްކަމަށެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ގަވާއިދުތަކުގައިވެސް އެހެން ކުޅިވަރު އެސޯސިއޭޝަނެއްގެ މަގާމަކަށް ކުރިމަތިލުމުގައި ހުރަސްތަކެއް ނެތްކަމަށާއި، ދިވެހި ކުޅިވަރު ކައުންސިލުން ނެރެފައިވާ ޤަރާރަކީ އެއްވެސްތާކުންތާކު ނުޖެހޭ ޤަރާރެއްކަމަށް ޝާވީދު ވިދާޅުވިއެވެ. 

"އޮލިމްޕިކް ޗާޓަރުގަވެސް އަދި އައިއޯސީގެ އެއްވެސް ގަވާއިދަކާއި ޙީލާފުވާކަމެއް ނޫން އެހެން ކުޅިވަރު އެސޯސިއޭޝަނެއްގެ މަގާމަކަށް ކުރިމަތިލުމަކީ، އަޅުގަނޑު އެ ޤަރާރު ގަބޫލެއް ނުކުރަން، އިންތިޚާބުގައި ވާދަކުރަން މިހާރު ނިންމައިފިން" ޝަވީދު ވިދާޅުވިއެވެ.

ޝަވީދު ވަނީ މީގެކުރިން އެފްއޭއެމް އިންތިޚާބުގައި ވާދަކުރެއްވުމާއި މެދު ގޮތެއް އަދި ނުނިންމާކަމަށް ވިދާޅުވެފައެވެ. މިއަދު ޝާވީދު ވިދާޅުވީ އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައްވަން މިހާރު އޭނާ ނިންމަވާފައިވާކަމަށާއި، އޭނާގެ ޓީމަށްވެސް ކޮންމެވެސްވަރެއްގެ ބަދަލުތަކެއް އައުން އެކަށީގެންވާކަމަށެވެ. 

ޝަވީދު ވަނީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަންކަންވެސް މިދިޔަ މަހާއި ހަމައަށް ކުރައްވާފައެވެ.