ޚަބަރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާޗް 15 ގެ ކުރިން ފޭބުމަށް ސަރުކާރުން އަންގަވައިފި


  • އިންޑިއާ ސިފައިން ފައިބަންޖެހޭ ތާރީޙު ދެއްވީ ރައީސް ޑރ.މުޢިއްޒު

  • މިމައްސަލާގައި ދެޤައުމުގެ މަތީފަންތީގެ ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށްދޭ

  • މިހާތަނަށް 12 ބައްދަލުވުމެއް ބާއްވާފައިވޭ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މާޗްމަހުގެ 15ވަނަ ދުވަހުގެ ކުރިން މިރާއްޖެއިން ފޭބުމަށް ދިވެހި ސަރުކާރުން އަންގަވައިފިއެވެ.

ދިވެހި ސަރުކާރުން މިކަން ހާމަކުރައްވާފައިވަނީ މިއަދު ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމުންތަކާ ގުޅޭ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރައްވަމުންނެވެ. ނާޡިމް ވިދާޅުވީ ރާއްޖޭގައިތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާ ގުޅޭ، އެންމެފަހުގެ މަޢުލޫމާތު ކެބިނެޓާ ޙިއްސާކުރައްވާފައިވާކަމަށެވެ. އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންވި ފުރަމަތަ ދުވަހުންފެށިގެން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތއް ފަށްޓަވައިގެން ކުރައްވަމުން އަންނަކަން ނާޒިމް ފާހަގަކުރެއްވިއެވެ.

މިގޮތުން ދެޤައުމުގެ ދެމެދުގައި މިމައްސަލާގައި މިހާތަނަށް 12 ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

ރާއްޖޭގައިތިބި އިންޑިއާ ސިފައިން 15މާޗްގެ ކުރިން ބާލައި ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރަށް އަންގަވާފައިވަނީ މިއަދު ބޭއްވި ބައްދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ކަރުދާހުގައެވެ.

މިބައްދަލުވުމުގައި އިންޑިއާގެ ސަފީރާއި ޖޮއިންޓު ސެކްރެޓަރީގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސްބައެއް ބޭފުޅުން ބައިވެރިވެއެވެ. ރާއްޖޭގެފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ރައީސް އޮފީހުގެ އިސްބޭފުޅުންނާއި ޚާރިޖީ ވުޒާރާގެ އިސްވެރިންނެވެ.