ކުޅިވަރު

މިރޭ މެޗުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭނެ - ބްލޯންކް


ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ކުޅޭ މެޗުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފިއްޖެނަމަ ޕީއެސްޖީއަށް ސެމީގެ ޖާގައެއް ލިބުން ގާތްކަމަށް ކޯޗް ލޯރެންޓް ބްލޯންކް ބުނެފިއެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލްގައި މިރޭ އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ނިކުންނަ މެޗާއި ގުޅޭ ގޮތުން ޕީއެސްޖީގެ ކޯޗް ބްލޯންކް ބުނީ މިރޭގެ މެޗުގައި އެޓީމަށް ގޯލް ޖަހާނެ ފުރުސަތުތަކެއް ލިބޭނެކަމަށާއި، އެ ފުރުސަތުތަކުގެ ބޭނުން ހިފުން މުހިންމުކަމަށެވެ. އަމިއްލަ ދަނޑުގައި މިދިޔަ ހަފްތާގައި ކުޅުނު މެޗުން މޮޅު ނުވެވުނީ ލިބުނު ގިނަ ފުރުސަތުތައް ބޭކާރުކޮށްލުމުންކަމަށް އޭނާ ބުންނެވެ. 

ކޯޗް ބްލޯންކް ބުނީ މިރޭގެ މެޗުން މޮޅުވުމުގައި ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗްގެ ހިއްސާ ބޮޑުވާނެކަމަށާއި، އޭނާ މިރޭ ފޯމުގައި ހުރުން ވަރަށް މުހިންމުކަމަށެވެ. 

" އަހަރެމެން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލިބުނު ގިނަ ޗާންސްތައް ބޭކާރުކޮށްލީ. މިރޭ އެކަން ރަނގަޅު ކުރަން ޖެހޭނެ، މިރޭ ހުރިހާ ފޯވާޑުންވެސް ފޯމުގައި ތިބުން ވަރަށް މުހިންމު " ބްލޯންކް ބުންޏެވެ. 

މިރޭގެ މެޗުގައި ޕީއެސްޖީއާއި ދެކޮޅަށް ނިކުންނަ މެންޗެސްޓަރ ސިޓީގެ ކޯޗް ބުނީ އަނިޔާގެ ސަބަބުން ކެޕްޓަން ކޮމްޕެނީ އަދި ސްޓާލިންގ އަށް ނުކުޅެވުނަސް ޓީމާއި މެދު އިތުބާރު އެބައޮތްކަމަށެވެ. މިރޭގެ މެޗުގައި އެންމެ މުހިންމީ ބައިކޮޅަށް ލަނޑެއް ނުވަނުންކަމަށާއި، ފުރަތަމަ ވިސްނުންހުރީ އެކަމަކަށްކަމަށްވެސް ޕެލެގްރިނީ ބުންޏެވެ. 

"ބައިކޮޅަށް ލަނޑެއް ނުވަދެ މެޗް އެއްވަރުވިޔަސް އެޑްވާންޓޭޖް އޮތީ ސިޓީއަށް، އެހެންވީމަ އެކަމަށް ތައްުޔާރުވާނަން، ގޯލެއް ޖެހުމަކީ ބޯނަހެއް މެޗުން މޮޅުވާން" ޕެލެގްރިނީ ބުންޏެވެ.

މި ދެ ޓީމް ޗެމްޕިއަންސް ލީގުގެ ގަދަ އަށެއްގެ ފުރަތަމަ ލެގުގައި ކުޅުނު މެޗް ނިމުނީ ދޭއް ދޭކުން ދެ ޓީމް އެއްވަރުވެގެންނެވެ.