ޚަބަރު

މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޝިޢާރު "ޤައުމީ ގޮވުމަށް އިޖާބަދޭން ކެރިގެން ދާނަން ފުރާނަ ދޭން"


  • މިއަހަރުގެ ޅެންވެރިންގެ ދުވަސް ތަޚްޞީޞް ކުރަނީ ޢަބްދުﷲ ޢަފީފަށް

  • ޢަބްދުﷲ ޢަފީފަށްވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޤައުމީ އިނާމު ލިބިފައި

މިއަދަކީ ޅެންވެރިންގެ ދުވަހެވެ. ޅެންވެރިންގެ ދުވަހެއް ރާއްޖޭގައި ފާހަގަކުރެވެން ފެށީ 1989 ވަނަ އަހަރުއެވެ.

ދިވެހިބަހުގެ އަދަބިއްޔާތަށް މުއްސަދިކަމާއި އާރޯކަން ގެނުވައިދޭ، އަދަބިއްޔާތުގެ އެންމެ ލާމަސީލުބަހާއަކީ ދިވެހި ޅެންވެރިކަމެވެ. ދިވެހި ޅެންތަކަކީ ތަފާތު ވަޒަންތަކަށް، ތައްގަނޑުތަކަށް ފައްތައިގެން ގެތޭ ބަހުގެ ރީތި ބަގީޗާއެކެވެ.

ޅެންވެރިންގެ ދުވަސް ޖެނުއަރީމަހުގެ 15 ވަނަ ދުވަހު ފާހަގަކުރުމަށް އޭރުގެ ސަރުކާރުން ނިންމެވީ ދިވެހި ޅެންވެރިކަމުގެ ޘާޤިބު އަލްއުސްތާޛް އިބްރާހިމް ޝިހާބު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ދުވަސް ހަނދާނަށް ގެނައުމުގެ ގޮތުންނެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ދިވެހި ޝާޢިރިއްޔާތުގެ ދުނިޔެއަށް ޚިދުމަތް ކުރައްވާ ޅެންވެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރެއްވުމެވެ.

ކޮންމެ އަހަރެއްގެވެސް ޅެންވެރިންގެ ދުވަސް ތަޚްސީސް ކުރައްވަނީ ރާއްޖޭގައި އަރާ ހުންނެވި ޅެންވެރިއަކަށެވެ. އެގޮތުން، މިއަހަރުގެ ޅެންވެރިންގެ ދުވަސް ތަޚްސީސް ކުރައްވާފައިވަނީ ގދ. ތިނަދޫ އަލިދޯދި ޢަބްދުﷲ ޢަފީފަށެވެ. ޢަބްދުﷲ ޢަފީފަކީ ތަފާތު ދާއިރާތަކުން ލަވަޔާއި، ޅެން ހައްދަވާ މިހުނަރުގައި އަރާ ހުންނެވި މޮޅު ޝާޢިރެކެވެ. އަފީފު ހައްދަވާ ކޮންމެ ޅެމެއްވެސް ފަރުމާ ކުރައްވަނީ ޢިބާރާތްތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނޭ ގޮތަށެވެ. ޅެންވެރިކަމުގެ ފޮނިމީރުކަން، ޟަމީރަށް އެންމެ ބޮޑަށް ފޯރާ ގޮތަށެވެ.

މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޝިޢާރުކަމަށްވާ "ޤައުމީ ގޮވުމަށް އިޖާބަދޭން ކެރިގެން ދާނަން ފުރާނަ ދޭން" މި ލަވައަކީވެސް ހިތްތަކަށް ޤައުމީ ޖޯޝާއި، ރޫޙު ވައްދައިދޭ ވަރަށް ފުރިހަމަ ބައިތުތަކަކުން އަމުނާލާފައިވާ ލަވައެވެ. ޢަފީފުގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ފެން މީރުވި ރީތި ރަށޭ މީ ރޫޙުވަނީ ތިނަދޫ ގައޭ" އާއި، "ބޮޑިބަތްތޯއެ އުދަންވީ" ފަދަ ލަވަތައް ހިމެނެއެވެ. މި ލަވަތަކަކީ ހިތްތައް ޖޯޝުން ފޮޅުވާލަދޭ ލަވަތަކެވެ.

ޅެންވެރިކަމުގެ ދާއިރާގައި ޢަފީފް ކޮށްދެއްވާފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ޓީވީ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ސްކޫލް ކުދިންގެ ލަވަ މުބާރާތްތަކަށް އެކި ސްކޫލްތަކަށް ލަވައިގެ ޅެން ހައްދަވާދެއްވާފައިވެއެވެ. އަދި ޢަރަބިއްޔާ ސްކޫލްގެ ލަވަޔާއި، މާލޭ އިންގްލިޝް ސްކޫލްގެ ލަވަޔާއި، މަދްރަސަތުލް ޣާޒީ މުޙައްމަދު ސްކޫލްގެ ލަވަވެސް ހައްދަވާދެއްވާފައިވަނީ ޢަބްދުﷲ ޢަފީފެވެ.
ޅެން ހެއްދެވުމުގެ އިތުރުން، ޅެން ދަސްކޮށްދިނުމުގައިވެސް ވަރުބަލިކަމެއްނެތި އަފީފް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ޅެންވެރިކަމުގެ ދާއިރާގައި ޢަފީފަށް ލިބުނު ކާމިޔާބީތައްވެސް ނުހަނު ގިނަގުނައެވެ. އެގޮތުން، ޓީވީ މޯލްޑިވްސްއިން ބޭއްވި ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި، ޅެންވެރިކަމުން 1993، 1995 އަދި 1996 ވަނަ އަހަރު 1 ވަނަ ލިބިފައިވެއެވެ.

ދިވެހި ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު 1993 ވަނަ އަހަރު ޢަބްދުﷲ ޢަފީފަށް ލިބިވަޑައިގެންފައިވެއެވެ. އަދި 2017 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމުވެސްވަނީ ލިބިވަޑައިގެންފައިވެއެވެ.

ޅެންވެރިކަމުގެ ދުވަސް ފާހަގަކުރަމުން އަންނައިރު ޅެންވެރިކަމުގެ ނާދީގައި މަސައްކަތްކުރާ އަދި ކުރިއަރަމުން އަންނަ ޅެންވެރިންނަށް ޢަފީފްވަނީ މެސެޖެއް ދެއްވާފައެވެ. އެއީ ދިވެހިބަހުގެ ޤަވާޢިދުތަކާއި ހަމަތަކުމަތިން ޅެން ހެއްދެވުމެވެ. ޢަފީފް ވިދާޅުވާ ގޮތުގައި ޅެންވެރިކަމުގެ އެންމެ ބޮޑު އެއް މަޤުސަދަކީވެސް އެއީއެވެ. ޅެންވެރިކަމުން ދިވެހިބަހުގެ ޤަވާޢިދުގެ އަސާސްތަކާއި ހަމަތަކަށް އަހުލުވެރިކުރުވުމެވެ.