މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަކަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީން 2 ގޮނޑި، އަދި އިދިކޮޅު އެމްޑީޕީން 1 ގޮނޑި ކާމިޔާބުކޮށްފިއެވެ.
ބައި އިލެކްޝަން ބާއްވާފައި ވަނީ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ދާއިރާ ކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށާއި، މާފަންނު ދެކުނު ދާއިރާއާއި، މެދުހެންވޭރު ދާއިރާގެ ގޮނޑިއަށް މެމްބަރުން ހޮވުމަށެވެ.
މިއިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ހެންވޭރު ދެކުނު ދާއިރާގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް އިންތިޚާބުވީ ޕީއެންސީގެ ކެންޑިޑޭޓް އާމިނަތު ރިޝްފާ އަހުމަދުއެވެ. ރިޝްފާއަށް 411 ވޯޓުލިބިފައިވެއެވެ. މާފަންނު ދެކުނު ދާއިރާގެ ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓެއް ކަމަށްވާ ހަސަން ނިޒާމްއެވެ. ނިޒާމް 383 ވޯޓު ލިބިފައިވެއެވެ. މެދު ހެންވޭރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް އަހުމަދު ރިޝްވާން ރަޝީދު ކާމިޔާބުކުރީ 320 ވޯޓު ހޯދައިގެންނެވެ.
ސިޓި ކައުންސިލްގެ މިގޮނޑިތައް ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ޕީޕީއެމް-ޕީއެންސީގެ ކައުންސިލަރުން ސަރުކާރުގެ އިސް މަގާމުތަކަށް ވަޑައިގަތުމުންނެވެ.
މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން ކުރިއަށް ދިޔައީ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބިފައިވެއެވެ. ނަމަވެސް ވޯޓު ލާފައިވަނީ 17،000 އެއްހާ މީހުންކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.