ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖޭގެ ވެރިޔަކު މިހާތަނަށް ކުރެއްްވި އެންމެ ކާމިޔާބު ދަތުރުފުޅުކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވައި ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ޕޯސްޓެއްގައެވެ.
ގާސިމް ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ނުހަނު ކާމިޔާބު ފުރަމާނަ ދަތުރުފުޅެއްކަމަށެވެ. އެގޮތުން މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ދެކެވުނު ރަސްމީ ވާހަކަތަކުގެ ތެރެއިން ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގައި ކުރިއަށް އޮތް ފަސްއަހަރު ތެރޭގައި ބޮޑެތި ލުއިތަކެއް ހަމަޖެހިގެންދާނެކަމުގެ އުފާވެރި ޚަބަރު ދިވެހީންނަށް ދެއްވީތީ ނުހަނު އުފާކުރައްވާކަމަށް ގާސިމް ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގެ ޢިއްއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު @MMuizzu ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ނުހަނު ކާމިޔާބު ފުރަމާނަ ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެންފައިވާތީ އެމަނިކުފާނާއި އަދި އަރިހުގައި ގެންދެވި ދިވެހި… pic.twitter.com/ZT36YQ9gHY
— Qasim Ibrahim (@qasimibrahim) January 13, 2024
ގާސިމް ވިދާޅުވީ ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް، ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއް ކަމަށާއި، ޗައިނާއިން ރާއްޖޭގެ ސަރަަހައްދީ ނަޒާހަތްތެރިކަމަށާއި މިނިވަންކަމަށް، ފުރިހަމައަށް އިޙްތިރާމުކުރާކަމަށެވެ. އަދި ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ލިބިގެންގޮސްފައިވާއިރު، އެތަކެއް ދާއިރާއިން އެތައް ބިލިއަން ޑޮލަރެއްގެ ތަރައްޤީގެ އެއްބަސްވުންތަކުގައި ސޮއިކުރެވިގެން ދިއުމަކީ ޤައުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"މިދަތުރު ފުޅުގައި ޗައިނާއިން ދިވެހިރާއްޖޭގެ ރައީސްއަށް ކިޔުއްވާފައިވާ މަރުޙަބާއަކީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކަށް ޗައިނާގައި އަރިސްކޮށްފައިވާ އެންމެ ހޫނު މަރުހަބާ ކަމުގައިވެސް އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގެ އެއްވެސް ވެރިޔަކު މިފަދަ ކާމިޔާބު ފުރަމާނަ ދަތުރުފުޅެއް މިހާތަނަށް ކުރައްވާފައި ނުވޭ" ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ޓްވީޓްގައި ވަނީ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދިވެހި ޤައުމަށް ހޯއްދަވައިދެއްވި އެހީތެރިކަމާއި، ޤައުމަށް ލިބިގެން ދިޔަ ކުރިއެރުންތަކަށްޓަކައި، ޖުމްހޫރީ ޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރާއި ތަޙްނިޔާ ދަންނަވާފައެވެ.