ޚަބަރު

ރޯދަމަހު ކޮންމެ ގެއަކަށް ސަރުކާރުން ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ހަދިޔާކުރައްވަނީ


  • 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ކޮންމެ ގޭބީސީއަކަށް

  • މިއީ މީގެކުރިން އެއްވެސް ސަރުކާރަކުން ކޮށްދެއްވި ކަމެއް ނޫން

  • އަންނަ އަހަރު މިއަދަދު އިތުރުވެސް ކުރާނަން

ކުރިއަށް ރޯދަމަހު ކޮންމެ ގެއަކަށް ސަރުކާރުން ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ދެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ރޯދަމަހު ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ހާއްސަ އިނާޔަތްތަކެއް ހަމަޖައްސަވާނޭކަމަށެވެ. އެގޮތުން ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ދެއްވުމަށް ނިންމަވާފައިވާކަމަށެވެ.

"މި ރޯދަމަހު އަޅުގަނޑުމެން ފުރަތަމަ ފަހަރަށް ކޮންމެ ގޭބީސީއަކަށް ހިލޭ ދިވެހި ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރާނަން. އޭގެ އިތުރު ކަންތައްތައްވެސް ވާނެ. އަދި މިއަންނަ އަހަރު އެއަށްވުރެ އިތުރުވެސް ކުރާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވަކި ބަޔަކަށް ބަރޯސާނުވެ، އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ ބަޔަކަށް ދިވެހިން ހެދުންކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހޯދުމަށްވެސް ވަކި ޤައުމަކަށް ބަރޯސާވުން ހުއްޓާލުމަށްޓަކައި އެހެން ޤައުމުތަކުން އެތަކެތި ގެންނަން ނިންމާފައިވާކަމަށެވެ. އެގޮތުން ރާއްޖެއަށް އެއް އަހަރަށް ބޭނުންވާ މިންވަރަށްވުރެވެސް އިތުރަށް ތުރުކީން ހަނޑު، ހަކުރު، ފުށް ގެންނަން ނިންމަވައި، އެކަމާއި ގުޅޭ އެއްބަސްވުންތައް ޤާއިމްކޮށްފައިވާކަމަށެވެ. މީގެއިތުރުން ފިޔާ، ބިސް އަދި އަލުވިވެސް އިތުރު ޤައުމުތަކުން ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި އާއްމު ގޮތެއްގައި ބޭނުންކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ގެންނަނީ އިންޑިއާއިންނެވެ. ނަމަވެސް ފަހަަކަށް އައިސް އެ ޤައުމުން ދަނީ ބައެއް ދުވަސްވަރާއި ދިމާކޮށް ބައެއް ތަކެތި އެކްސްޕޯޓްކުރުން މެދުކަނޑާލަމުންނެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ކާބޯތަކެތީގެ ބާވަތްތައް ވަރަށް ބޮޑަށް އުފުލެން މެދުވެރިވެއެވެ.