ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ ރައީސްއާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިޔާގެ ނިއުދިއްލީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގެ ރައީސް ޕްރަނާބު މުކަރުޖީއާ ބައްދަލުކުރައްވަވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު އިންޑިޔާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމަކީ އިޙްތިރާމާއި އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަ ކުރެއްވެވިއެވެ. އަދި މިއަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހަކީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމް ކުރިތާ 51 އަހަރުވާ ދުވަސް ކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވެވިއެވެ.

ދެޤައުމުގެ ރައީސުން ވަކިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވެސް ޓެރަރިޒަމް އަދި ރެޑިކަލިޒަމް ނައްތާލުމަށް މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ އަދި ބޭރުގެ އެހެން ފަރާތްތަކާއިއެކު ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އެދިލައްވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުން ނިންމާލުމުގެކުރިން އިންޑިޔާގެ ރައީސް ޕްރަނާބު މުކަރުޖީ ވަނީ ރައީސް ޔާމީނަށް އެމަނިކުފާނު ލިޔުއްވާފައިވާ ފޮތެއް ހަދިޔާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއާއި، އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލް އަޙްމަދު މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.