އާސަންދައިގެ ދަށުން ބޭސް ފަރުވާގެ ހިދުމަތް ހޯދަން މިހާރު ދިވެހިން ދަތުރުކުރާ ޤައުމުތަކަށްވުރެ ފެންވަރުު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ ޤައުމުތަކުން އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ޒަމާނީ ހޮސްޕިޓަލްތަކާއި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް އެ ހިދުމަތްތައް ޤާއިމްކުރެވެންދެންވެސް ދިވެހިންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ލިބޭ ޤައުމުތައް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށެވެ، އެގޮތުން ތައިލެންޑާއި، ޔޫއޭއީންފަދަ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ ޤައުމުތަކުން އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އާސަންދައިގެ ދަށުން ހުރުމުގެ ހަރަދުވެސް ސަރުކާރުން ހަމަޖައްސައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނިންމާފައިވާނީ ކުރިއަށް އޮތްތާނގައި އާސަންދައަކީ ވަކި ދިމާލެއްގައި ހުންނަ ނުވަތަ ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނުހަދަން. އޭގެ ބަދަލުގައި އެއަށްވުރެ ފެންވަރު ރަނގަޅު ޔޫއޭއީ، ތައިލެންޑުފަދަ ޤައުމުތަކަށް ދެވޭގޮތަށް އާސަންދަ ފުޅާ ކުރާނަން" ރައީސް ވިދާޅުވިއެވެ.
މީގެކުރީ ސަރުކާރުތަކުން އާސަންދަ އެކުލަވާލާފައި އޮތްގޮތުން ރާއްޖެއިން ބޭރުން ދިވެހިންނަށް އާސަންދަ ލިބެނީ އިންޑިއާއާއި ސްރީ ލަންކާއިން އެކަންޏެވެ. ނަމަވެސް އެ ޤައުމުތަކުން އާސަންދަ ލިބޭ ހޮސްޕިޓަލްތަކުގެ ފެންވަރާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
އާސަންދައިގެ ދަށުން އިތުރު ޤައުމުތަކުން ފަރުވާ ހޯދޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސަމުންދާއިރު، އާސަންދައިގެ ދަށުން މީގެކުރިން ނުކުރެވޭ ގިނަ ފަރުވާތަކެއް ކުރެވޭނެ އިންތިޒާމްވެސް ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާފައެވެ.