ޚަބަރު

36 ދުވަހުން މަސައްކަތް ނިންމާ އަމީނީމަގުގެ ފަހު 2 ސެގްމެންޓު ހުޅުވާލާއިފި


  • އަމީނީމަގުގެ މަސައްކަތް ރިޔާސީ އިންތިޚާބަށް މެދުކަނޑާލި

  • މަސައްކަތް އަލުން ފެށީ ޑިސެންބަރު 9 ގައި

  • މިދިޔަ ބުދަ ދުވަހު ފަހު 2 ސެގްމަންޓުން ބައެއް ޢާންމުންނަށް ހުޅުވާލި

އަމީނީމަގުގެ މަސައްކަތް އެއްކޮށް ނިންމާ، މަގު ބޭނުންކުރުމަށް އާއްމުންނަށް ހުޅުވާލައިފިއެވެ. އަމީނީމަގުގެ ފަހު 2 ސެގްމަންޓު މިއަދު ހެނދުނު 6 އަކުން ފެށިގެން ޓްރެފިކަށް ވަނީ ހުޅުވާލާފައެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުންނެވެ. އެގޮތުން މި މަގުގެ ޢަމަލީ މަސައްކަތް އާރް.ޑީ.ސީއާއި ޙަވާލުކޮށްގެން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ 12 ވަނަ ދުވަހުއެވެ. މަގުގެ މަސައްކަތް ޖުމްލަ 13 ސެގްމެންޓަކަށް ބަހާލާގެން ކުރަމުން ދިޔައިރު، މަގުގެ މަސައްކަތް މިދިޔަ ރިޔާސީ އިންތިޚާބަށް މެދުކަނޑާލިއެވެ. އޭރު 2 ސެގްމެންޓެއްގެ މަސައްކަތް ނުނިމި އޮތެވެ.

މި 2 ސެގްމެންޓުގެ މަސައްކަތް އަލުން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ފަހު 2 ސެގްމެންޓުގެ މަސައްކަތް ކޮށްފައިވަނީ ކުރީގެ ސެގުމެންޓުތަކަށްވުރެ މަގު ފުޅާކޮށް، ސްކޯޕަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން އެ 2 ސެގުމެންޓުގައި 4 ލޭން އޮވެއެވެ.

އަމީނީމަގުގެ ފަހު 2 ސެގްމެންޓުގެ މަސައްކަތް ނިންމާ، ޢާންމުންނަށް ހުޅުވާލާފައި މިވަނީ މަސައްކަތް ފެށިތާ، 36 ދުވަސްފަހުންނެވެ. ފަހު 2 ސެގްމަންޓުގައި ހިމެނެނީ އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ކަންމަތިން ފެށިގެން ބޮޑުތަކުރުފާނު މަގާއި އަމީނީމަގު ގުޅޭ ހިސާބަށެވެ.

އަމީނީމަގަކީ ކާރުބާރުބޮޑު މަގަކަށްވާތީ، ފަހު 2 ސެގްމަންޓުން ބައެއް މިދިޔަ ބުދަ ދުވަހު ޓްރެފިކަށް ވަނީ ހުޅުވާލާފައެވެ. އެ ދުވަހު ހުޅުވާލާފައިވަނީ އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަނާއި، ކަނބާ އައިސަރަނި ހިނގުމާއި އަމީނީ މަގު ގުޅޭ ޖަންކްޝަނާއި ހިސާބަށެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 13 ސެގްމަންޓަކަށް ބަހާލައިގެން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރުއަޅާފައެވެ. މި މަސައްކަތަށް 84.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.