ވިއެޓްނާމުގެ ހަނޯއީގައި ކުރިއަށްދިޔަ އައިޓީއެފް އޭޝިއާ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގެ 14 އަހަރުން ދަށުގެ ބައިގެ ސިންގަލްސް އިވެންޓުން ރާއްޖޭގެ ނަބާ ނިޝާން ރަން މެޑަލް ހޯދައިފިއެވެ.
މި މުބާރާތުން ނަބާ ރަން މެޑަލް ހޯދީ ފައިނަލް މެޗުގައި ސްރީ ލަންކާގެ އަންނަޔާ ޖޯނީ ނޯބާޓް އަތުން ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ 6-1 އަދި 6-0 އިންނެވެ. މިއީ މި ފެންވަރުގެ މުބާރާތެއްގައި ރާއްޖޭގެ ކުޅުންތެރިޔަކު ހޯދީ ތާރީޚީ ކާމިޔާބެކެވެ.
މި ބައިން ނަބާ ރަން މެޑަލް ހޯދިއިރު، ނަބާ އާއި ރާއްޖޭގެ މަންހާ މުޙައްމަދު އަލީގެ ޕެއާ ވަނީ އަންހެން ޑަބަލްސްގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައެވެ. އެކަމަކު ކުއާޓާއިން ރާއްޖޭގެ ޕެއާ ބަލިވީ އަންނަޔާ އާއި ވިއެޓްނާމްގެ ބިން ނިހެއިން ތޯ އަތުންނެވެ.
މި މުބާރާތަކީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖެ، ލަންކާ، ލާއޯސް، ކެންބޯޑިއާ، މޮންގޯލިއާ އަދި ބްރޫނާއިގެ އިތުރުން އަށް ގައުމެއްގެ ކުޅުންތެރިން ވާދަކުރިއެވެ.
ސިންގަލްސް އަދި ޑަބަލްސް އިވެންޓުތައް ހިމެނޭހެން މި މުބާރާތް ރާވާފައި އޮތީ ވަކިވަކި މެޗުތަކުން އެންމެ މަތިން ރޭންކް ކުރެވޭ ދެ ގައުމަކަށް ފައިނަލް ބުރުގެ ޖާގައެއް ލިބޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް ބުރު އޮންނާނީ އަންނަ އެޕްރީލް މަހު އިންޑިއާގައެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ޓީމުގައި ހިމެނެނީ ހަތަރު ކުޅުންތެރިންނެވެ. އެއީ ނަބާ އާއި މަންހާގެ އިތުރުން އާދަމް އާލް ނިޔާޒް އާއި މުޙައްމަދު ކަލީމެވެ.