މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ލިބުނު ގެއްލުންތަކާއި ރައްޔިތުންގެ ހާލު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ބައްލަވާލައްވައިފިއެވެ.
ރާއްޖެއަށް މިއަދު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ގިނަ ސަރަހައްދުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. ވިއްސާރައިގައި ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވަނީ ބައެއް ގެތަކަށް ޒިޔާރަތްކުރައްވާފައެވެ. މީގެއިތުރުން ދަޢުލަތުގެ އެހެނިހެން އިސްވެރިންވެސް ވަނީ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބައްލަވާލައްވާފައެވެ.
ވިއްސާރައިގައި ގެއްލުން ލިބިގެން މާލެއިން 144 ގެއަކުން އެހީތެރިކަމަށާއި، މިހާތަނަށް 132 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން މަޢުލޫމާތުދެއްވައެވެ. އަދި 91 ގެއެއްގައި ވެލިބަސްތާ ޖަހާފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވެއެވެ. މީގެ އިތުރުން 8 ގެއެއްގެ 57 މީހުނަށް ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިންވެސް ވަނީ ހަމަޖައްސާފައެވެ.