ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މިދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި އެރުވި ގާޑް އޮފް އޮނަރ އިންސްޕެކްޓް ކޮށްދެއްވިއެވެ. ރައީސްގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުމަށް ޗައިނާގެ ރައީސްގެ ދެކަނބަލުންވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ދަތުރުފުޅުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ދެޤައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. އަދި ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ދެ ޤައުމުން ވަނީ ސޮއިކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޗައިނާގެ ރައީސްގެ ދެކަނބަލުން ފުރަމާނަ ޖާފަތެއް ދެއްވިއެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާގެ މުހިންމު ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި އެކި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަގާފީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް މަތީ ފެންވަރުގެ މަޝްވަރާތައްވަނީ ކުރިއަށް ގެންދަވާފައެވެ.
މިގޮތުން ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައްވުރަކީ ގުޅިގެން، އެކުގައި މަސައްކަތްކޮށް އަދި ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމުގެ ތަސައްވުރެއްކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި މިދަތުރުފުޅަކީ އެމަނިކުފާނު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުކަން ފާހަގަކުރައްވައި، މި ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޗައިނާއަކީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ ޤައުމުގެ ވެރިރަށް ބެއިޖިންގގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް ފަހު އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.