ޚަބަރު

ވިއްސާރައާ ގުޅިގެން މާދަމާ ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުމަށް އެއްގަޑިއިރު އިތުރުކޮށްފި


  • މިހާރު ހަމަޖެހިފައިވާ ގޮތުން ވޯޓުލުން ނިމޭނީ ހަވީރު 5.00ގައި

  • މިގޮތަށް ހަމަޖެއްސީ ކަނޑުތައް ގަދަވެ ދަތުރުފަތުރަށް ބުރޫއަރާފައިވާތީ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ވަގުތަށް އެއްގަޑިއިރު އިތުރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓުލުން މިހާރު ނިމޭނީ ހަވީރު 5.00 ގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިގޮތަށް ހަމަޖެއްސެވީ މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެ، ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން ޢާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވާނެތީ ކަމަށެވެ.

އެގޮތުން މާދަމާ ކުރިގެންދިއުމަށް ހަމަޖެހިފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ.މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަންގެ ވޯޓުލުމުގެ ވަގުތަށް އެއް ގަޑިއިރު އިތުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ހަމަޖެހިފައިވާ ގޮތުން ވޯޓުލުން ނިމޭނީ ހަވީރު 5:00 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގެ ތައްޔާރީތައް ގާތްގަޑަކަށް މުޅިން ނިމިފައިވާ ކަމަށެވެ. މިހާރު ނުނިމިވަނީ ސޯޝަލް ސެންޓަރުގައި ހުންނަ ވޯޓުލާ މަރުކަޒުގެ މަސައްކަތް ކަމަށާއި އެމަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

ހަބީބު ވިދާޅުވީ މ.މުލީގައިގައި ވޯޓުލުމަށްޓަކައި ހުރިހާ ކަމެއް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އޮފިޝަލުންނާއި، ވޯޓު ފޮއްޓާއި ވޯޓު ކަރުދާސްވެސް މުއްޔަށް ފޮނުވާފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވީ ވިއްސާރަވުމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ވޯޓުލާ ގަޑިއަށް އެއްގަޑިއިރު އިތުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު 5.00އަށެވެ.

" ވިއްސާރަވެ ކަނޑުގަދަވެ ވައިގަދަވުމުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަކުން އެދިގެން ކޮމިޝަނުން 1 ގަޑިއިރުގެ އިތުރުކުރުމެއް ވޯޓުލާ ގަޑިއަށް އިތުރުވެފައި. ހެނދުނު 8.00އިން ހަވީރު 5.00އަށް. ކޮމިޝަނުން އެދެނީ ހަމަޖެހިފައި އޮތްގަޑީގެ ކުރިން އެންމެންވެސް ވޯޓުލުމުގެ ހައްޤު އަދާކުރުމަށް" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ހެނދުނު 6 ޖަހާއިރު މާލޭގެ ވޯޓުލާ މަރުކަޒުތަކަށް އޮފިޝަލުން ދާނެ ކަމަށެވެ.

މާދަމާ ބާއްވާ ބައި-އިލެކްޝަންތަކުގައި ވޯޓުލުމަށް 56 ފޮށި ބެހެއްޓުމަށްވަނީ ނިންމާފައެވެ. އަދި ވޯޓުލުމަށް 64995 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ.