ޚަބަރު

ކުރިއަށް އޮތް 12 ގަޑިއިރުވެސް ވައިބާރުވެ ކަނޑުގަދަވާނެ، ސަމާލުވޭ


  • މިއީ ސަކިއުލޭޝަނަކާ ގުޅިގެން އުފެދިފައިވާ ޓްރަފެއްގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެއް

  • ކުރިއަށް އޮތް 24 ގަޑިއިރުވެސް ބައެއް ހިސާބުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ

  • ވޭތުވެދިޔަ 12 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހިފައިވޭ

  • އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ހިސާބުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 7-8 ފޫޓާ ދޭތެރޭ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 12ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ވަޔަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އަދި މިވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ބައެއް ގަޑިތަކުގައި ބޯކޮށް ވާރޭވެހޭނެތީ ފެންބޮޑުވެގެން ހިނގާފާނެ ހާދިސާތަކަށް ދުރާލާ ތައްޔާރުވުމަށްވެސް މޫސުމާބެހޭ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މޫސުމާބެހޭ އިދާރާގެ މީޓިއޮރޮލޮޖިސްޓް ޢަބްދުﷲ ހާފިޒް ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ކައިރީގައި އުފެދިފައިވާ ސަކިއުލޭޝަނަކާ ގުޅިގެން އުފެދިފައިވާ ޓްރަފެއްގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެއް ކަމަށެވެ. އަދި ވޭތުވެދިޔަ 2 ދުވަސްތެރޭގައި މިސަރކިއުލޭޝަން ރާއްޖޭގެ ދެކުނަށާއި ހުޅަނގަށްވާ ގޮތަށް ދެމިގެންގޮސްފައިވާ ކަމަށާއި، މިސަރކިއުލޭޝަންގެ ސަބަބުން އުފެދިފައިވާ ޓްރަފް ރާއްޖެ މަތީގައި ހުރުމުގެ ސަބަބުން މިސަރައްހައްދަށް ވިލާ އިތުރަށް ޖަމާވެފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް 24 ގަޑިއިރުވެސް ބައެއް ހިސާބުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ހާފިޒް ވިދާޅުވިއެވެ. އަދި މާލޭ ސަރަހައްދަށްވެސް ކުރިއަށް އޮތް ވަގުތުތަކުގައި ބައެއް ގަޑިތަކުގައި ވާރޭވެހެމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

ހާފިޒު ވިދާޅުވީ ވޭތުވެދިޔަ 12 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޯކޮށް ވާރޭވެހިފައިވަނީ މާލެއަށްކަމަށެވެ. އެއީ 89.5 މިލިމީޓަރުގެ ވާރެއެވެ. ދެން އެންމެ ބޯކޮށް ވާރޭވެހިފައިވާ ހުޅުމާލެއަށް 74.3 މިލިމީޓަރުގެ ވާރޭ، ހުޅުލެއަށް 76 މިލިމީޓަރުގެ ވާރޭ، އދ.މާމިގިއްޔަށް 62.5 މިލިމީޓަރުގެ ވާރޭ، އއ.ތޮއްޑުއަށް 64 މިލިމީޓަރުގެ ވާރޭ، މ.މުއްޔަށް 46 މިލިމީޓަރު، އަދި ކާށިދޫއަށް 32 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ހާފިޒު ވިދާޅުވެއެވެ.

ހާފިޒު ވިދާޅުވީ މާދަމާ މެންދުރާ ހަމައަށް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ހަވީރުން ފެށިގެން ވާރޭވެހުން މަދުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިސިސްޓަމް އަރަބިކަނޑަށް ވަދެ މީގެ ބާރުއެއްކޮށްދާން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ. އަދި ވާރޭވެހުން މަދުވި ނަމަވެސް އެވްރެޖްކޮށް ރާއްޖެ ސަރަހައްދުގައި ވައި ދަމަހައްޓާނެ ކަމަށެވެ. ހޯމަދުވަހާ ހިސާބަށް ށ.އަތޮޅުން ފެށިގެން އައްޑުއަތޮޅާ ހަމައަށް ވައި އެވްރެޖްކޮށް ބާރުވާނެ ކަމަށް ބެލެވޭކަމަށެވެ. އެންމެ ދެކުނަށް ނިސްބަތްވާ އަތޮޅުތަކަށް އަންގާރަދުވަހުގެ ނިއަލަށް އެވްރެޖްކޮށް ވައި ބާރުވާނެ ކަމަށާއި، އެސަރަހައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ހާފިޒު ވިދާޅުވިއެވެ. އެހެން ނަމަވެސް ހޯމަދުވަހުގެ ފަހުން މެދުރާއްޖެ ތެރެއާއި އުތުރުގެ ކަނޑުތައް މަޑުވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިވިއްސާރައިގައި ށ.އަތޮޅުން ފެށިގެން ލ.އަތޮޅު ހިމެނޭ ސަރަހައްދުގައި ވައި އެވްރެޖްކޮށް ދަމަހައްޓާކަމަށާއި، އެގޮތުން ވިލާގަޑުގައި 40-45 މޭލަށް ވައިގަދަވާނެ ކަމަށާއި، އެވްރެޖްކޮށްވެސް 15-25 މޭލާ ދެމެދު ވައިދަމަހައްޓާނެ ކަމަށް ހާފިޒް ވިދާޅުވިއެވެ. ހާފިޒު ވިދާޅުވީ އެންމެފަހުން ނެގި ސެޓެލައިޓް ފޮޓޯއިން ދައްކާގޮތުގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ހިސާބުތަކުގައި ރާޅުގެ އުސްމިން 7-8 ފޫޓާ ދޭތެރޭ އަދި ށ.އަތޮޅުން ވ.އަތޮޅާ ދޭތެރޭ ހުރިކަމަށެވެ. އަދި ވައިގެ އެވްރެޖް ބާރުމިން 25-30 ދޭތެރޭ ހުންނާނެ ކަމަށާއި މިވަރަށް ވައި ދަމަހައްޓާނަމަ މާކަނޑުގައި ރާޅުގެ އުސްމިން 3-7 ފޫޓަށް ހުންނާނެ ކަމަށް ހާފިޒު ވިދާޅުވިއެވެ.

އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައިގެން ދަތުރު ކުރުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ މިދުވަސްކޮޅު ނުކުރުމަށް މޫސުމާ ބެހޭ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.