ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދަޢުވާ ލިބޭ ފިލްމީތަރި މުހައްމަދު ޔުނާން ބަންދުން ދޫކޮށްލާފައި ވަނިކޮށް އަނެއްކާ ވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ހުޅުމާލޭ ކޯޓުން ޢަމުރުކުރައްވައިފިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޔުނާނާއި އޭނާގެ އަނބިމީހާ އައިމިނަތު ރިހުލާ 2020 ވަނަ އަހަރުގެ ތެރޭގައި ހައްޔަރު ކުރިއެވެ. ރިހުލާ ހުރީ މިދިޔަ އަހަރުން ފެށިގެން ގޭ ބަންދަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން މިދިޔަ މަހު ހުޅުމާލޭ ކޯޓުން ޔުނާން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވަނީ ޔުނާންގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވުމުގެ އިޙްތިމާލު އަދި ވެސް އޮތްކަމަށެވެ. އަދި 7 ދުވަހުގެ ތެރޭގައި ޔުނާންގެ ބަންދާގުޅޭ ހުށަހެޅުމެއް ހުށަހަޅައިފިނަމަ އެކަށީގެންވާ އަވަސް މިނެއްގައި އެ ހުށަހެޅުމާ ގުޅޭގޮތުން ދަށު ކޯޓުން ގޮތެއް ނިންމަވަންވާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން ޔުނާން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން އޭނާ އަލުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމަވާފައިވެއެވެ.
ޔުނާންގެ މައްޗަށް ދަޢުވާކުރާ މައްސަލަ މިހާރު އޮތީ ހެކިބަސް ނަގައި ނިމި ޚުލާޞާ ބަޔާން ހުށަހެޅުމުގެ މަރުޙަލާގައެވެ.