ޚަބަރު

11 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްދަނީ ކުރަމުން


  • މާލޭގެ ބައެއް މަގުތަކުގައިވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައި

  • ބައެއް ގެތަކަށް ފެން ވަދެ، ހިފާގެންގުޅޭ ސާމާނަށް ގެއްލުންވެފައިވޭ

  • ފެން ހިންދުމުގެ މަސައްކަތުގައި 100 އަށްވުރެ ގިނަ ސިފައިންދަނީ ހަރަކާތްތެރިވަމުން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން 11 ސަރަހައްދެއްގައި ޕަންޕް ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ފެން ހިންދުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މާލޭ ފަޔަރ ސްޓޭޝަންގެ ކޮމާންޑަރ މޭޖަރ އަޙްމަދު ފާއިޒް ވިދާޅުވީ މިވަގުތު މާލޭގެ ޖުމްލަ 11 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވެފައިވާ 3 ސަރަހައްދު ކަމަށްވާ ވެސްޓް ޕާރކު ސަރަހައްދާއި، އައިޖީއެމްއެޗް އަދި ބޮޑު އޮޅި ސަރަހައްދުގައި އެއް ޕަންޕަށްވުރެ ގިނަ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ 11 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްތައް ކުރަމުން. އެގޮތުން، އެންމެ ބޮޑަށް ފެން ބޮޑުވާ ސަރަހައްދުތައް ކަމަށްވާ ވެސްޓް ޕާކް، އައިޖީއެމްއެޗް، ބޮޑު އޮޅި ސަރަހައްދުގައި އެއް ޕޮއިންޓަށްވުރެ ގިނަ ޕޮއިންޓުގައި ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން." މޭޖަރ އަޙްމަދު ފާއިޒް ވިދާޅުވިއެވެ.

މޭޖަރ ފާއިޒް ވިދާޅުވީ ފެންބޮޑުވެ މާލޭގެ ބައެއް ގޭގެއަށް ފެން ވަދެފައިވާ ކަމަށެވެ. އަދި ބައެއް ގެތަކުގައި ހިފާގެންގުޅޭ ސަމާނަށްވެސް ގެއްލުންވެފައިވާ ކަމަށެވެ.

ދިވެހި ސިފައިންނަކީ ޤައުމަށް ދިމާވާ ކޮންމެ ކާރިސާއެއްގައިވެސް އެންމެ އިސްސަފުގައި މަސައްކަތްކުރާ ބައެއްކަން ހާމަކުރައްވަމުން
ފާއިޒް ވިދާޅުވީ މިހާރުވެސް، 100އަށްވުރެ ގިނަ ސިފައިން ފެން ހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ސަރކިއުލޭޝަނަކުން އުފެދިފައިވާ ޓްރަފެއްގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެއް ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކުރެއެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 31ވަނަ ދުވަހުވެސް ބޯކޮށް ވާރޭވެހި މާލޭގައިވަނީ ފެންބޮޑުވެފައެވެ.