ޚަބަރު

ޙައްޖުގެ ޚިދުމަތް ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސަޢުދީއާއެކު ސޮއިކޮށްފި


  • މިއެއްބަސްވުމުގައި ސޮއިކުރީ ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްގެ ތެރެއިން

  • މިއަހަރުގެ ޙައްޖު ދުވަހަކީ ޖޫންމަހުގެ 15 ވަނަ ދުވަސް

  • ހައްޖުވެރިންގެ ދަތުރުފަތުރުގެ ރައްކާތެރިކަމާ ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވޭ

މިއަހަރުގެ ޙައްޖުގެ އަޅުކަމުގެ ޚިދުމަތް ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސަޢުދީ ޢަރަބިއްޔާއާއެކު ރާއްޖެއިން ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 8 އިން 11 އަށް ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްގެ ތެރެއިންނެވެ.

މިއެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. ސަޢުދީ ޢަރަބިއްޔާއިން ސޮއިކުރެއްވީ އެޤައުމުގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުލް ފައްޠާޙް ބިން ސުލައިމާން މަޝާތްއެވެ.

މިއެއްބަސްވުމާ ގުޅޭ އިތުރު ތަފްޞީލެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަދި ހާމަކުރައްވާފައި ނުވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ސަޢުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރޭގައި ވަނީ މިނާއާއި ޢަރަފާތާއި މުޒްދަލިފާގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި ގުޅޭ ފަހުމްނާމާއެއްގައި ސަޢުދީގެ ޙައްޖު މިނިސްޓްރީއާއެކު ސޮއިކުރައްވާފައެވެ.

އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ރަބީޢާއާވެސް ވަޒީރުވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ސަޢުދީގައި ކިޔަވަން ތިބޭ ދަރިވަރުން ޙައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް ދިއުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށް ވަޒީރު ޑރ.ޝަހީމް އެދިވަޑައިގެންނެވިއެވެ. އަދި ޙައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރކުރުމަށް ދިވެހި މީޑިޔާއަށް ފުރުޞަތު ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޙައްޖު ކޯޓާ އިތުރުކުރުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ޙައްޖު އުމްރާ ޚިދުމަތް ފަސޭހަކޮށް ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯއްދަވަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ޙައްޖު މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ.

ރާއްޖެއިން ކޮންމެ އަހަރަކުވެސް ގިނަ ޢަދަދެއްގެ މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށްދެއެވެ. އަދި ކޮންމެ އަހަރަކުވެސް ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާ ބޭނުންކުރެއެވެ. މިހާތަނާ ޖެހެންދެންވެސް ރާއްޖެއިން ޙައްޖަށް މީހުން ގެންދަނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން، އަމިއްލަ ކުންފުނިތަކަށްވެސް އެފުރުޞަތު ދީގެންނެއެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު ނިންމަވާފައިވަނީ ރާއްޖެއަށް ލިބޭ 1000 ކޯޓާއިން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެކަނި ޙައްޖަށް ފޮނުވުމަށެވެ. އަދި މިއަހަރު ސަރުކާރުގެ ޚަރަދުގައި 50 ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ޙައްޖު ދުވަހަކީ ޖޫންމަހުގެ 15 ވަނަ ދުވަހެވެ.