ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ޗައިނާ މެޓަލަރޖިކަލް ގްރޫޕް ކޯޕަރޭޝަންގެ ޙިއްޞާ އިތުރުކުރުމުގެ ޝައުޤުވެރިކަން އެކޯޕަރޭޝަންގެ ޗެއަރމަން ޗެން ޖޮންގުއެންގ ފާޅުކުރައްވައިފިއެވެ.
ޗެން ޖޮންގުއެން މިކަން ފާޅުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައެވެ.
މިބައްދަލުކުރެއްވުމުގައި ޗައިނާ މެޓަލަރޖިކަލް ގްރޫޕް ކޯޕަރޭޝަންގެ ޗެއަރމަން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވީތީ މަރުޙަބާ ވިދާޅުވެފައެވެ. އަދި އެކުންފުނީގެ ކާމިޔާބީތަކާ ގުޅޭގޮތުން ޗައިނާ މެޓަލަރޖިކަލް ގްރޫޕް ކޯޕަރޭޝަންގެ ޗެއަރމަން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު އެރުވިއެވެ. މީގެ އިތުރުން އެކުންފުނިން ރާއްޖޭގައި ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އެކުންފުނީގެ ޙިއްޞާ އިތުރުކުރުމުގެ ޝައުޤުވެރިކަން ޗައިނާ މެޓަލަރޖިކަލް ގްރޫޕް ކޯޕަރޭޝަންގެ ޗެއަރމަން ފާޅުކުރިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ގެންގުޅުއްވާ ވިޝަނަރީ ޕްލޭނަށް ތަޢުރީފުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު އުޖާލާވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމުގައި ޗައިނާ މެޓަލަރޖިކަލް ގްރޫޕް ކޯޕަރޭޝަންގެ ޗެއަރމަން ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ސަރުކާރުން ކުރިޔަށްގެންދަވަން ރާއްވަވާފައިވާ ބައެއް މުހިންމު މަޝްރޫޢުތަކާއި އެމަޝްރޫޢުތައް ކުރިޔަށްގެންދާނެ ގޮތްތަކާގުޅޭ ގޮތުން އެމަނިކުފާނުގެ ތަސައްވުރު ޙިއްޞާކުރެއްވިއެވެ. އަދި ދެފަރާތުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.