ޚަބަރު

ސީމެގްގައި އިންޑިއާއިން ކޮށްދެއްވި މަސައްކަތް ބަލައިގަންނަން


ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގުރޫޕުން ރާއްޖެއާމެދު ފިޔަވަޅުއެޅުމަށް ބައެއް ޤައުމުތަކުން މަސައްކަތްފެށި ހިނދު އިންޑިއާ ސަރުކާރުން ރާއްޖޭގެ ދިފާޢުގައި ކުރި މަސައްކަތަކީ ދިވެހި ސަރުކާރުން އެންމެ މަތީ ދަރަޖައިގައި ބަލައިގަންނަ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރިއަށްގެންދިޔަ ރަސްމީ ވާހަކަތަކަށްފަހު އިންޑިއާގެ ބޮޑުވަޒީރާއެކު ދެއްވި ޖޮއިންޓް ސްޓޭޓްމެންޓްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޑިމޮކްރަސީގެ ދިފާއުގައި ކުރަމުންދާ މަސައްކަތްތަކުގައި އިންޑިއާގެ އެއްބާރުލުމަށް އަބަދުވެސް އެދިވަޑައިގަންނަވާކަމަށެވެ. އަދި ރައީސް އިންޑިއާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ މައިގަނޑު އެއް މަޤްޞަދަކީ އިންޑިއާއިން ސީމެގްގައި ރާއްޖެއަށް ދެއްވި އެއްބާރުލެއްވުން ބަލައިގަނެ ޝުކުރު އަދާކުރެއްވުންކަމަށް ދިވާޅުވިއެވެ.

"މިސަރުކާރުން ރާއްޖޭގައި ޤާނޫނީ ވެރިކަން ނަގަހައްޓާނަން. ސަރުކާރުން ކުރަމުން މިގެންދަނީ އެމަސައްކަތް. ދިވެހި ސަރުކާރުން ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފަށް ކަމެއް ނުކުރާނެ. ސީމެގުން ރާއްޖޭއާ މެދު ނުޙައްޤުން ފިޔަވަޅު އެޅުމަށް ކުރި މަސައްކަތުގައި އިންޑިއާއިން ރާއްޖެއާ އެއްކޮޅަށް ކުރި މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެއް." ރައީސް ވިދާޅުވިއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ހައްދުފަހަނައަޅައިދިއުމާއި، ޓެރަރިޒަމްގެ ވަބާއިން ސަލާމަތްވުމަށް ރާއްޖެއާއި އިންޑިއާއިން ގުޅިގެން މަސައްކަތް ކުރެއްވުމަށް އެއްބަސްވެފައިވާކަމަށް ވިދާޅުވެ، ރާއްޖެއަށް ކުރިމަތިވާ އިޖްތިމާޢީ ގޮންޖެހުންތައް ޙައްލު ކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ޒުވާނުން ބާރުވެރިކުރުވުމުގެ ސިޔާސަތައް ރައީސުލްޖުމްހޫރިއްޔާގެ ސްޓޭޓްމެންޓްގައި އަލިއަޅުއްވައިލެއްވިއެވެ.

"ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތައް ޙައްލު ކުރުމަށް ސަރުކާރުން މިދަނީ ޒުވާނުން ބާރުވެރިކުރުވަމުން. ޒުވާނުންނަށް ޚާއްޞަ ޝަހަރެއް ބިނާކުރަމުން. ހައްދުފަހަނައަޅައިދިއުމާއި، އެހެނިހެން  ކުށްތަކަށް އަރައިގަތުމުން ޒުވާނުން ދުރުހެލިވާން އޮތީ އެކަން އެގޮތަށް ކޮށްގެން." – ރައީސް ޔާމީން

ސާރކް ޤައުމުތަކުގެ ލީޑަރެއްގެ ގޮތުގައި ރާއްޖެއިން ދެކެނީ އިންޑިއާކަމަށް ވިދާޅުވެ، ސާރކް ކުރިއެރުމަށް އިންޑިއާއަށް ދިވެހި ސަރުކާރުން ފުރިހަމަ އިތުބާރު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސާރކަކީ ޔޫރަޕިއަން ޔޫނިއަންފަދަ ބައިނަލްއަޤްވާމީ ބޮޑެތި ޖަމިއްޔާތަކާ އެއްސަފެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި ޖަމިއްޔާއެއްކަމުގައި ރާއްޖެއިން ޤަބޫލުކުރާކަމާށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާޞަތުގައި އެންމެބޮޑު އިސްކަމެއް ދެއްވަނީ އިންޑިއާއަށް ކަމަށާއި، އިންޑިއާއަކީ ދިވެހިރާއްޖޭއަށް އެންމެ މުހިންމު އަދި އެންމެ ގާތް ރަޙްމަތްތެރިޔާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިންޑިއާއާއި ރާއްޖެއަކީ އެތައް ގޮތަކުން ގުޅި ލާމެހިފައިވާ ދެޤައުމު. އަޅުގަނޑުމެން ދެބަސްވާންވީ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެން މަސައްކަތްކުރާނީ ދެޤައުމުގެ ތަރައްޤީއަށް އެއްޤައުމު އަނެއްޤައުމަށް އެހީތެރިކަން ފޯރުކޮށްދޭން." – ރައީސް ޔާމީން

މިޖޮއިންޓް ސްޓޭޓްމެންޓްގައި ވާހަކަދައްކަވަމުން އިންޑިއާގެ ބޯޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ރައީސް ޔާމީންގެ ސަރުކާރުން ފައްޓަވައިފައިވާ އިޤްތިޞާދީ ބިޔަ މަސްރޫޢުތަކަށް އިންޑިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީއާއި، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިންޑިއާގެ ސަރުކާރުން ހިފެހެއްޓުމެއްނެތް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމާށް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.