ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ކުލަބު އާބަންކޯ ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބުން ޗެމްޕިއަންކަން ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު ފައިނަލް މެޗު ސިފައިންގެ ކުލަބުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. އާބަންކޯ އަތުން ހޯދި މޮޅާއެކު ސިފައިންގެ ކުލަބުން ގައުމީ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުން އެންމެ ފަހުން ގައުމީ ތަށި ހޯދާފައިވަނީ 2019 ވަނަ އަހަރެވެ.
މިރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ސިފައިންގެ ކުލަބުން ވަނީ ފުރަތަމަ ސެޓު 25-22 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ދެވަނަ ސެޓުގައި އާބަންކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ މި ސެޓު 25-23 އިން ގެންގޮސްފައެވެ. ނަމަވެސް މި މެޗުން ސިފައިން މޮޅުވީ އަނެއް ދެ ސެޓު 26-24 އަދި 25-20 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކުލަބުގެ އާދަމް ނަސީމް (އެޑަމް) އެވެ.
ފައިނަލް މެޗަށްފަހު ވާހަކަދައްކަމުން ސިފައިންގެ ކުލަބުގެ ކޯޗު ޖުނައިދު ބުނީ މި ކާމިޔާބު ހާސިލުކުރެވުނީ އެ ޓީމުގެ ކުޅުންތެރިންގެ ހިތްވަރުން ކަމަށެވެ. އެގޮތުން ޓީމުގެ ގިނަ ކުޅުންތެރިން އަނިޔާގައި ތިބި ނަމަވެސް، އެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށް ޝުކުރު ހައްގު ކަމަށްވެސް ވަނީ ބުނެފައެވެ.
އާބަންކޯގެ ކޯޗު ހުސެއިން ޝަރީފް (ނަލަ) ބުނީ މުޅި މެޗަށް ބަލާލާއިރު ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، އެކަމަކު ކުޅިވަރުގައި މޮޅާއި ދެރަ އޮންނަ ފަދައިން މި މެޗުން އެ ޓީމަށް މޮޅެއް ނުލިބުނީ ކަމަށެވެ.
މި މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކުލަބަށް ކުޅުނު ޕާކިސްތާނުގެ މުބައްޝަރް ރަޒާއެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ކުލަބުގެ ހުސެއިން ރަޒާނެވެ.
މި ފަހަރުގެ ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސިފައިންގެ ކުލަބުން ހޯދިއިރު، އެ ޓީމުން ވަނީ މި ފަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކޮށްފައެވެ. މި ކާމިޔާބީތަކާއެކު ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ މަތީ ފަންތީގައި ސިފައިންގެ ކުލަބުން ވަނީ 19 ތަށި ހަމަކޮށްފައެވެ.