އަންނަ މާޗްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 284،327 މީހުންނަށް ލިބިފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 139،165 އަންހެނުންނާއި، 145،162 ފިރިހެނުންނެވެ. މިއީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބުނު މީހުންނަށް ވުރެ 1523 މީހުން އިތުރު އަދަދެކެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވަނީ 282,804 މީހުންނަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ މީހަކު ވޯޓުލާ ދާއިރާ އެނގޭ ގޮތަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓުކޮށްފައެވެ. މީގެއިތުރުން އެސްއެމްއެސް މެދުވެރިކޮށްވެސް ލިސްޓުގައި ނަން އޮތްތޯ ބެލޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށުން ޝަކުވާ ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލް އިދާރާއިން ކަމަށެވެ. އަދި އައްޑު އާއި ފުވައްމުލަކު ސިޓީގެ އަވަށު އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއިން ޝަކުވާ ބަލައިގަންނާނެކަމަށްވެސް އީސީން ވިދާޅުވެއެވެ. އަދި މާލޭގައި ޝަކުވާ ބަލައިގަންނާނީ ދަރުބާރުގޭގައި ހުންނަ އިންތިހާބާ ބެހޭ މަރުކަޒުންކަމަށްވެސް އިލެކްޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު ފަހު 15:00އަށް، އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 15:00އަށް އޮންނާނެކަމަށެވެ. މީގެއިތުރުން ހުކުރު ދުވަހު މެންދުރު ފަހު 15:00 އިން 17:00 އަށްވެސް ޝަކުވާ ހުށައެޅޭގޮތްވެސް ވަނީ ހަމަޖައްސާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.