ޚަބަރު

އޯއަސީގެ 13 ވަނަ ބައްދަލުވުމަށް އިސްލާމިކް މިނިސްޓަރ ތުރުކީއަށް


"އަމާންކަމާއި ޢަދުލްއިންޞާފު ޤާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުން" މި ޝިޢާރުގެ ދަށުން ބާއްވާ އޯއަސީގެ 13 ވަނަ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ތުރުކީއަށް ފުރާވަޑައިގެންފިއެވެ.

މިމަހުގެ 14 ން 15އަށް ބާއްވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް، އޯ.އައި.ސީގެ 13 ވަނަ ސަމިޓަކީ އަމަން އަމާންކަން ޤާއިމުކުރުމާއި، އިންސާފް ޤާއިމުކުރުމަށް އިސްލާމީ ޤައުމުތައް ގުޅިގެން މަސައްކަތް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވާރާ ކުރެއްވުމަށް ބާއްވަވާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. ޒިޔާދު ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ ޤައުމުތަކުގެ މެދުގައި ގުޅުން އިތުރަށް ވަރުގަދަކޮށް، މުސްލިމް ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ގުޅިގެން ޙައްލުކުރެއްވުމާ ގުޅޭގޮތުންނެވެ.

މި ސަމިޓްގައި އިސްލާމީ ޤައުމުތަކުގެ އިސްވެރިން މުސްލިމް ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި، ދުނިޔޭގައި ސުލްޙަ މަސަލަސްކަން ޤާޢިމުކުރުމަށް އިސްލާމީ ޤައުމުތަކަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޓެރަރިޒަމް ހުއްޓުވުމާއި ހައްދުފަހަނައިދިއުމާއި، އިސްލާމްދީނަށް ފުރައްސާރަކުރުން ހުއްޓުވުންފަދަ މަވްޟޫތަކަށް ޤައުމުތަކުގެ އިސްވެރިން މަޝްވަރާ ކުރައްވާނެއެވެ.

އޯއައިސީއަކީ ދުނިޔޭގެ އިސްލާމީ ދައުލަތްތައް ބައިވެރިވާ ޖަމްޢިއްޔާއެކެވެ. މިޖަމްޢިއްޔާގައި އިސްލާމީ 56 ޤައުމެއް ހިމެނެއެވެ. އެ ޖަމްޢިއްޔާގައި ރާއްޖެ ބައިވެރިވެފައިވަނީ 1976 ވަނަ އަހަރުގައެވެ.