ޚަބަރު

މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު!


  • ރީނދޫ ސަމާލު ނެރެފައިވަނީ ދ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށް

  • އާދީއްތަދުވަހާއި ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ

  • ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 8:00 އިން ދަންވަރު 12:00އާ ހަމައަށް، ދ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކުން 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށްވެސް ދަނީ ވިއްސާރަކުރަމުންނެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ކަމާއިބެހޭ ފަރާތްތަކުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ. އަދި މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ އާދީއްތަދުވަހުކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ.