ޚަބަރު

ބަންދުކޮށްފައި އޮތް ދޮންއަދަރާދަ ހިނގުން މިމަހު ފަހުކޮޅު ހުޅުވާލުމަށް މަސައްކަތްކުރަނީ


  • ދޮންއަދަރާދަ ހިނގުން ބަންދުކުރީ ސްޓެލްކޯގެ ބޭނުމަށް، އެ ކުންފުންޏަށް ބިމުގެ ދަތިކަން އޮތުމުން

  • ދޮންއަދަރާދަ ހިނގުން ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށީ މިދިޔަ މަހު 18ގައި

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޑެޓް، ސްޓެލްކޯގެ ބޭނުމަށް ބަންދުކުރި ދޮންއަދަރާދަ ހިނގުން މިމަހު ފަހުކޮޅު އާއްމު ދަތުރުފަތުރަށް އަލުން ހުޅުވާލެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ދޮންއަދަރާދަ ހިނގުން އަލުން ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ސްޓެލްކޯއިން ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

ސްޓެލްކޯއިން ކުރަމުންދާ މުހިންމު މަސައްކަތްތައް ނޫސްވެރިންނާއި ހިއްސާކުރައްވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ދޮންއަދަރާދަ ހިނގުން ހުޅުވާލުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅު އެއްކޮށް ނިންމަލާ، ޓްރެފިކް ފްލޯއަށް ހުޅުވާލެވޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ދޮންއަދަރާދަ ހިނގުން އަލުން ހުޅުވާލުމާއެކު އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދޮންއަދަރާދަ ހިނގުން ސްޓެލްކޯގެ ބޭނުމަށް ބަންދުކުރީ އޭރު އެ ކުންފުންޏަށް ދިމާވެފައި އޮތް ބިމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށެވެ.

ސްޓެލްކޯއިން ބުނީ ދޮންއަދަރާދަ ހިނގުމުގައި ގާތްގަނޑަކަށް 17 އިންޖީނެއް ހިންގަމުން ދިޔަކަމަށާއި، މިހާރު އެ އިންޖީނުތައް ހުޅުމާލެއަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި ދޮންއަދަރާދަ ހިނގުމުގައި މިހާރު ކުރިއަށްދަނީ އިންޖީނުތައް ބެހެއްޓުމަށް ހެދި ކޮންކުރީޓުތައް، އެތަނުން ނެގުމުގެ މަސައްކަތް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.