ޚަބަރު

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފުވައްމުލަކުގައި ފާހަގަކުރަނީ


ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް މިއަހަރު ފުވައްމުލަކުގައި ފާހަގަކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައިފިއެވެ.

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެޕްރީލް މަހުގެ 21 ވަނަ ދުވަހެވެ. މިފަދަ ދުވަހެއް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ މައިގަނޑު މަޤުޞަދަކީ ކޮރަޕްޝަނުގެ ގެއްލުމާމެދު މުޖުތަމަޢު ޙޭލުންތެރިކުރުވުމާއި، ކޮރަޕްޝަން ނައްތާލައި ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމާއި، ކޮރަޕްޝަން ނައްތާލުމުގައި ކަމާއި ގުޅުންހުރި ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އޭސީސީން ވިދާޅުވީ، ފުވައްމުލަކުގައި ޤައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމާއި ގުޅޭ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް މިމަހުގެ 13 އިން ފެށިގެން އޭސީސީގެ ޓީމްތައް ފުވައްމުލަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ. މި ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ރަސްމީ ޙަރަކާތްތައް ފެށިގެންދާނީ މިމަހުގެ 16 ދުވަހު ފުވައްމުލަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސްކޫލް ކުދިންގެ ސުވާލު މުބާރާތުން ކަމަށް އޭސީސީން ވިދާޅުވެއެވެ. 

އޭސީސީ ދުވަސް ފާހަގަކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި، ސްކޫލް ކުދިންގެ ސުވާލު މުބާރާތާއި، ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޤުރުއާން މުބާރާތާއި، ބެލެނިވެރިނާއި، ޓީޗަރުންނާއި، ކްލަބް ޖަމިއްޔާތައް އަދި ސްކޫލް ދަރިވަރުންނަށް ހިންގާ އެވެއަރނެސް ޕްރޮގްރާމްތަކާއި، ފުވައްމުލަކުގެ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި އެސީސީގެ މުވައްޒަފުންނާ ދެމެދު ކުރެވޭ ބަހުޘް އާއި، ޑޯރ-ޓު-ޑޯރ ކޭމްޕޭން އާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްފަހަރާ ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އިފްތިތާހުކުރުމާއި، ނަޒާހަތްތެރިކަމުގެ ޤައުމީ ވައުދުގެ ހަނދާނީ ބިނާއެއް ބެހެއްޓުމާއި، ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާ ރަސްމީ ޖަލްސާ އޮންނާނީ މިމަހުގެ 21 ވަނަ ދުވަހެވެ. ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް މިދިޔަ އަހަރު ފާހަގަކުރީ ހދ. ކުޅުދުއްފުށީގައެވެ.