ޚަބަރު

އެޗްޑީސީން ޒުވާނުންނަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށަނީ


ހުޅުމާލެއަކީ ހަލުވި ދުވެއްޔެއްގައި ތަރައްޤީވަމުން އަންނަ ސަރަޙައްދެކެވެ. ތަރައްޤީއާގުޅޭ ބޮޑެތި މަޝްރޫޢުތަކެއްވެސް މިރަށުގައި ގެންދަނީ ކުރަމުންނެވެ. ޚާއްޞަގޮތެއްގައި ކޮންސްޓްރަކްޝަންގެ ދާއިރާގެ މަސައްކަތްތައް ކުރުމަށް ބޭންނުންވާ ފަރާތްތަކަށް މިދާއިރާއިން ހުޅުމާލޭގައި ކުރެވޭނެ ގިނަ މަސައްކަތްތަކެއް ހުރިކަން އެޗްޑީސީން ފާހަގަކުރެއެވެ. މިފަދަ މަސައްކަތްތަކަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްޞަކޮށްގެން އެޗްޑީސީން ވަނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ނަމުގައި ޕްރޮގްރާމެއް ހިންގަން ރާވާފައެވެ.

މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ރޯދަމަހުގެ ފަހުންނެވެ. މިކަހަލަ މަސައްކަތްތަކަކީ ދިވެހި ޒުވާނުންނަށްވެސް ކުރެވޭނެ މަސައްކަތްތަކަކަށްވެފައި، އަދި މި ޕްރޮގްރާމްގެ ދަށުން ދިވެހިންގެ ބަޔަކަށް މަސައްކަތް ދަސްކޮށްދެވި އެމީހުން މަސައްކަތަށް ނިކުތުމުން، މިފަދަ މަސައްކަތްތައް ކުރުމުގައި ބިދޭސީންނަށް ބަރޯސާވާންޖެހޭ ބަރޯސާވުން ކުޑަކުރެވިގެންދާނެކަން އެޗްޑީސީން ފާހަގަކުރައްވައެވެ.

އެޗް.ޑީ.ސީއާއި ޓިވެޓް އޮތޯރިޓީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ދަށުން ކޮންސްޓްރަކްޝަން ދާއިރާއިން ގިނަ ޒުވާނުންތަކެއް ތަމްރީންކުރެވިދާކަމަށް އެޗްޑީސީން ޤަބޫލުކުރެއެވެ. އަދި މީގެ ސަބަބުން ގިނަ ޒުވާނުންތަކަކަށް ވަޒީފާގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މިރުޝާން ވިދާޅުވީ މި ޕްރޮގްރާމްގެ މަޤުޞަދަކީ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ޒުވާނުންތަކެއް އުފެއްދުން ކަމަށެވެ. 6 މަސްދުވަހުގެ މި ޕޮރިގްރާމުގައި ބައިވެރިވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރައްވާ ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް ލިބޭނެކަމަށް އެޗް.ޑީސީން ހާމަކުރެއެވެ. މި ކޯހުގައި ބައިވެރިވާން ބޭނުންވާ، މަސައްކަތުގައި ކެރިގެން ނުކުންނަން ތިބި ކޮންމެ ކުއްޖަކަށްވެސް ފުރުޞަތު ދޭނެކަމަށް އެޗްޑީސީން ބުނެއެވެ. މި ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކުވެސް 20 ކުދިން ތަމްރީންކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެޗްޑީސީން މަޢުލޫމާތުދެއެވެ.

މި ޕްރޮގްރާމްގެ ދަށުން ކޯހުގައި ބައިވެރިވާ ކުދިންނަށް ވަޒީފާގެ ފުރުޞަތު ލިބުމުގެ ފުރުޞަތު ބޮޑުކަމަށްވެސް އެޗް.ޑީސީން ހާމަކުރައްވައެވެ. އަދި އެޗް.ޑީ.ސީއާ ގުޅިފައިވާ ކުންފުނިތަކާ ވާހަކަދައްކައިގެން އެ ކުދިންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށްވެސް މިރުޝާން ވިދާޅުވިއެވެ. މި ކޯހުގެ ހުރިހާ ޚަރަދެ ކުރުމަށް ހަމަޖެހިފައިވަނީ އެޗް.ޑީ.ސީގެ ފަރާތުންނެވެ.