ސިއްހަތު

ޞިއްޙީ ޚިދުމަތް ކުރެއްވި 17 ބޭފުޅެއްގެ އަގުވަޒަންކޮށްފި


ޞިއްޙީ ދާއިރާއަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރެއްވި 17 ބޭފުޅެއްގެ  އަގުވަޒަން ކުރައްވައި ހަނދާނީ ފިލާ ދެއްވައިފިއެވެ.

އެބޭފުޅުންނަށް ހަނދާނީ ފިލާދެއްވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެގޮތުން އިސްލާމީ މަރުކަޒްގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައެވެ. މި އެވޯޑަކީ ސިއްހީ ދާއިރާއަށް ތިރީހަށްވުރެ ގިނަ އަހަރު ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީން ތަޢާރަފްކުރެއްވި އެވޯޑެކެވެ. އެ ބޭފެޅުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.

މިރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، މި އެވޯޑް ޙާސިކްކުރެއްވި ބޭފުޅުންނަކީ މީގެ ކުރިން އެބޭފުޅުންގެ އަގު ވަޒަންނުކުރެވިވާ ބޭފުޅުންކަމަށާއި ނަމަވެސް މިބޭފުޅުންގެ ޚިދުމަތްތަކަކީ އަގު ވަޒަންނުކޮށް ދޫކޮށްލެވޭނެފަދަ ޚިދުމަތްތަކެއް ނޫންކަމަށެވެ. އަދި އެވޯޑް ޙާސިލްކުރެއްވި ބޭފުޅުންނަކީ ސިއްޙީ ދާއިރާއަށް ގިނަގުނަ ކާމިޔާބީ ތަކެއް ޙާސިލްކޮށްދެއްވާފައިވާ ބޭފުޅުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވަނީ ފާހަގަކޮށްލެވޭފަދަ ޞިއްޙީ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަމިއްލަ ފަރާތަކަށްވެސް އެވޯޑް ދެއްވާފައެވެ. މިއެވޯޑް މިއަހަރު ލިބިފައިވަނީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމަށް މަސައްކަތްކުރަމުން އަންނަ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެންސް "އާކު" އަށެވެ. އާކްއަށް މި އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ މިރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ފިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދެވެ.