ސްކޫލްތަކުގެ މަރާމާތަށް 30 މިލިޔަން ރުފިޔާ ހަމަޖައްސަވާފައިވާ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މިދިޔަ އަހަރު އައު ސްކޫލްތައް އިމާރާތް ކުރުމަށް ބަޖެޓް ހަމަޖެހިފައި އޮތްނަމަވެސް މަރާމާތު ކުރުމުގެ މަސައްކަތަށް އެކަށީގެންވާ ބަޖަޓެއް ނެތްކަމަށާއި އޭގެ ސަބަބުން މަރާމާތު ކުރުމުގެ މަސައްކަތްތައް އެކަށީގެންވާ ވަރަށް ކުރިއަށް ގެންގޮސްފައި ނުވާކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާޢިލް ޝަފީޢު ވިދާޅުވީ ސްކޫލްތަކުގެ މަރާތަށް ބޭނުންވާ 30 މިލިޔަން ރުފިޔާ ހަމަޖެހިފައިވާކަމަށެވެ. އަދި ސްކޫލްތަކުގައި ކުރަން ހުރި މަރާމާތުތައް ދެނެގަތުމަށްފަހު މަރާމާތު ކުރަން ޖެހޭ ސްކޫލްތަކަށް ފައިސާ ކަނޑައަޅާ އެމަސައްކަތް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މަރާމާތުގެ މަސައްކަތް ކުރުމަށްޓަކައި ހުރިހާ ސްކޫލެއްގެ ޙާލަތު ދެނެގަތުމަށް މަސައްކަތްކުރެއްވި ކަމަށެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވީ ސްކޫލުގައި ރައްކާތެރިކަމާއި ހިތްހަމަ ޖެހުމާއެކު ކިޔެވުމަށް ބޭނުންވާނެ ފަދަ ކަމެއް ނެތިފައި އޮތްނަމަ އެކަމެއް ހައްލުކުރުމަށްކަމަށެވެ.
"މަރާމާތުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ސްކޫލްތަކަށް ހަމަޖެހުމުން އެކަށީގެންވާ ބާރު މިނެއްގައި ސްކޫލްތަކުގައި މަރާމާތުގެ މަސައްކަތްތައް ފެށިގެން ދާނެ. މިސާލަކަށް ފުރާޅު ހަލާކުވެ ކްލާސްރޫމަށް ވާރޭވެހޭ ކަމުގައި ވަނީނަމަ އެކަން ހައްލުކުރުމަށް އިސްކަން ދޭނެ. ކުޑަދޮރުތައް ހަލާކުވެފައި ހުރިނަމަ އެ ރަނގަޅު ކުރުމަށް އިސްކަން ދޭނެ. ފަންކާފަދަ ވަޞީލަތްތައް ހަލާކުވެފައި ހުރިނަމަ އެކަމަށް އިސްކަން ދޭނެ." ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއިލް ޝަފީޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިސަރުކާރު ހަވާލުވިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސްކޫލްތަކުގައި ތަފާތު 107 މަޝްރޫޢެއް ފަށްޓަވާފައި އޮތްކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މަޝްރޫޢުތަކުގައި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ހުއްޓިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ހުއްދައާއެކު ކޮންޓްރެކްޓަރުންނަށް އެމަސައްކަތް ނިންމުމަށް 55 މިލިޔަން ރުފިޔާ ހަވާލުކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއާއެކު މާލެއާއި އަތޮޅުތެރޭގައި ހުއްޓިފައި ހުރިމަޝްރޫޢުތައް މިމަހުން ފެށިގެން ބާރު ދުވެލީގައި ކުރިއަށްގެންދަވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ތައުލީމާ ބެގޭ ވަޒީރު ވިދާޅުވީ އައު މަޝްރޫޢުތައް ކުރިއަށްގެންދާއިރު ޑިޒައިނިންގެ މައްސަލަތަކެއް ހުރިކަަން ފާހަގަކުރެވޭކަމަށެވެ. އެންމެ ބޮޑު މައްސަލައަކީ އެވުޒާރާއިގައި ސްކޫލް އިންފްރަސްޓްރަކްޗަރ ޑިޒައިނިން ސްޓޭންޑަރޑްތަކެއް ކަނޑައެޅިފައި ނެތުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީއާއި އިމާރާތް ކުރުމާ ބިނާރާ ބެހޭ ވުޒާރާއާއެކު ސްކޫލް އެޅުމުގެ ސްޓޭންޑަރޑްތަކެއް ކަނޑައަޅައި އެކަމަށް ހައްލެއް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ވަނީ އެކި ސްކޫލްތަކުގައި ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ކުންފުނިތަކާ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ކްލާސްރޫމްތައް އެޅުމަށާއި މަލްޓިޕަޕަސް ހޯލް ފަދަ ތަންތަން އިމާރާތް ކުރުމަށް ހަވާލުކޮށްފައިވެއެވެ. ނަމަވެސް އެކި ކަހަލަ މަައްސަލަތަކާ ހުރެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ހުއްޓި މަޝްރޫޢު ދިގުލައިގެން ގޮސްފައި ހުރިކަން ފާހަގަކޮށްލެވެއެވެ.