ޚަބަރު

ރާއްޖެއާއެކު ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓުން ފާޅުކޮށްފި


  • ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރި

  • އެ ކުންފުނީގެ ބައެއް މަޝްރޫޢުތަކާ ބެހޭ މައުލޫމާތު ރައީސްއަށް އެރުއްވި

ދިވެހިރާއްޖެއާއެކު ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕުން ފާޅުކޮށްފިއެވެ.

ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕުން މިކަން ފާޅުކުރީ އެގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ސައި ދިއާންވެއި އާއި އެގްރޫޕުގެ އިސްވެރިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިބައްދަލުވުމުގައި ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރު ވަނީ އެ ކުންފުންޏާ ބެހޭ އާންމު ތަޢާރަފަކާއި، އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫޢުތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުން ހިމެނޭ ގޮތަށް، ދިވެހިރާއްޖެއާއެކު ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިތުރަށް ގުޅުން ބަދަހިވުމަކީ އެމަނިކުފާނުވެސް އުއްމީދުކުރައްވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.