ކުޅިވަރު

ސެންޓްރަލް ޒޯން ވޮލީ މިއަންނަ އަހަރު ރާއްޖޭގައި


ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް މިއަންނަ އަހަރު ރާއްޖޭގައި ބާއްވަން ފުރުސަތު ލިބިއްޖެއެވެ. 

މިފުރުސަތު ރާއްޖެއަށް ލިބުނީ ޕެރަޑައިސް އައިލެންޑު ރިސޯޓްގައި ބޭއްވުނު ސެންޓްރަލް ޒޯންގެ ގައުމްތަކުގެ މެދުގައި ބޭއްވި ބައްދަލުވުމަށްފަހުއެވެ. ރާއްޖޭގައި މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗްމަހުގައެވެ. މިބައްދަލުވުމުގައި ނިންމުނު ކަންތަށްތަކަށް ބަލާއިރު، މިއަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. އެއީ ނޮވެންބަރު މަހުގައެވެ. 

img:http://s3.psmnews.mv/images/660x400/14603047001606.jpg|ސެންޓްރަލް ޒޯންގެ ގައުމްތަކުގެ މެދުގައި ބޭއްވި ބައްދަލުވުން (ފޮޓޯ:ވީއޭއެމް)

އަދި ސެންޓްރަލް ޒޯންގެ އޮފީހެއް އިންޑިޔާގެ ދިއްލީގައި ގާއިމްކޮށް، އެ އޮފީހުގެ ޖެނެރަލް ސެކެޓްރީއަކަށް އިންޑިޔާގެ ސުނިލް ކުމާރުވަނީ ހަމަޖައްސާފައެވެ. ސެންޓްރަލް ޒޯންގެ ގައުމްތަކުގައި ފިރިހެން އަދި އަންހެން ކުޅުންތެރިންގެ ލީގެއް ތަޢާރަފް ކުރުމަށްވެސް މިބައްދަލުވުމުގައިވަނީ ނިންމާފައެވެ. ސެންޓްރަލް ޒޯންގެ ގައުމްތަކުގެ މެދުގައި ވީހާވެސް ފަސޭހަކޮށް މުޢާމަލާތްކޮށް، ކަންތަށްތަށްކުރުމުގައި މިހާރަށް ވުރެއް ލުއިފަސޭހަގޮތެއް ހޯދާ، ބަޖެޓާ އެފްއައިވީބީގެ އެހީތަށް މިހާރަށް ވުރެއް ފަސޭހައިން ގައުމްތަކަށް ލިބޭނެ ގޮތްތަށްވެސް ހޯދުމަށް މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. އަދި މިފަދަ ބައްދަލުވުމެއް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ބޭއްވުމަށްވެސް ނިންމާފައިވާކަމަށް މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންއިން މަޢުލުމާތުދެއެވެ. މިބައްދަލުވުމުގައި ބައިވެރިވެފައިވަނީ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ސްރީލަންކާ، އީރާން، ކަޒަކިސްތާން، ނޭޕާލް، ޕާކިސްތާން، ތަޖަކިސްތާން، ތުރުކުމަނިސްތާން އާއި އުޒުބަކިސްތާން އަދި ކިރިގިސްތާންއާ ރާއްޖެއެވެ. 

img:http://s2.psmnews.mv/images/660x400/14603047170578.jpg|ސެންޓްރަލް ޒޯންގެ ގައުމްތަކުގެ މެދުގައި ބޭއްވި ބައްދަލުވުން (ފޮޓޯ:ވީއޭއެމް)

14 ޤައުމު ހިމެނޭ މިސެންޓްރަލް ޒޯންގެ މިބައްދަލުވުމުގައި ކަޒަކިސްތާން ބައިވެރިވެފައެއް ނުވެއެވެ. މިދިޔަ އަހަރުގެ ސެންޓްރަލް ޒޯންގެ ފިރިހެން ޑިވިޝަންގެ ދެވަނައަކީ ރާއްޖެއެވެ. ބަންގްލަދޭޝްގައި ކުރިއަށްދިޔަ މިމުބާރާތުގެ ފައިނަލުން ރާއްޖެ ބަލިވީ 3ސެޓް 2ސެޓުން ތުރުކުމެނިސްތާނާ ވާދަކޮށެވެ. އަދި މީގެ އިތުރުން މިދިޔަ މަހުގައި މެލޭޝިޔާގައި ކުރިއަށްދިޔަ މެލޭޝިއަން އިންވިޓޭޝަނަލް ވޮލީ މުބާރާތުގެ ތިންވަނަވެސް ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމްވަނީ ހޯދާފައެވެ. 

img:http://s3.psmnews.mv/images/660x400/14603047296613.jpg|ސެންޓްރަލް ޒޯންގެ ގައުމްތަކުގެ މެދުގައި ބޭއްވި ބައްދަލުވުން (ފޮޓޯ:ވީއޭއެމް)