ޚަބަރު

ނޫސްވެރިންތަކެއް ޕެޓިޝަނެއް ހުށައަޅައިފި


ރާއްޖޭގެ އެކި މީޑީއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންގެ ކަންބޮޑުވުންތަކެއް ހާމަކޮށް، ދައުލަތުގެ ތިންބާރުގެ މަސްއޫލުވެރި އޮފީސްތަކަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށައެޅި ޕެޓިޝަންގައި ރާއްޖޭގެ 11 މީޑިއާއެއްގައި މަސައްކަތްކުރާ 183 ނޫސްވެރިއަކު ސޮއިކޮށްފައިވާކަމަށް ޕެޓިޝަން ހުށައެޅުމުގައި އިސްކޮށް މަސައްކަތްކުރި ނޫސްވެރިން މައުލޫމާތުދެއެވެ. މި ޕެޓިޝަންގައި ނޫސްވެރިންނަށް އެކަށީގެންވާ މާޙައުލެއް ހޯދައިދިނުމަށް ދައުލަތުގެ މުއައްސަސާތަކުގެ މަސްއޫލުވެރި އޮފީސްތަކަށް ގޮވާލާފައިވެއެވެ. އެގޮތުން މީޑިއާތަކަށް ހުރަސްއަޅާ ފަރާތްތަކާމެދު ދައުލަތުގެ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅު އަޅުއްވައިފައި ނުވާކަމަށް ބުނެ، މީޑިއާއަށް ކުރިމަތިވެފައިވާ ބިރުދެއްކުމުގެ ޢަމަލުތަކާއި، ޙަމަލާތަކުގެ މައްސަލަތައް ތަޙްޤީޤްކޮށް އެކަންކަމުގެ ފަހަތުގައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާފައިވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުނު މައްސަލައިގެ މިނިވަން ތަޙްޤީޤެއްކޮށް، އެމައްސަލައިގައި ކުއްވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށާއި، ރާއްޖޭގެ އަމިއްލަ ބައެއް މީޑިއާތަކާމެދު ނުޙައްޤުން ޢަމަލުކުރާކަމަށް ބުނެ، އެކަންކަން ހުއްޓާލުމަށްވެސް ރާއްޖޭގޭ ބައެއް ނޫސްވެރިން ހުށައެޅި ޕެޓިޝަނުގައި ގޮވާލާފައިވެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އަބުރު ރައްކާތެރިކުރުމާބެހޭ ބިލުގައިވާ ކަންކަމުގެ ސަބަބުން ނޫސްވެރިކަން ކުރުމަށް ހުރަސްއެޅޭކަމަށް ބުނެ، އެކަން ދައުލަތުގެ 3 ބާރުގެ ސަލާމުކަމަށް ގެނެސްފައިވެއެވެ.

ހަވީރު ނޫސް ހުއްޓާލަން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ދައުލަތުން މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމަށްވެސް މިޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ.

ރާއްޖޭގެ ބައެއް މީޑީއާތަކުގައި މަސައްކަތްކުރާ ބައެއް ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ހޯމް މިނިސްޓަރ ވިދާޅުވެފައިވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަދެއްވާނެކަމަށެވެ. އެހެންނަމަވެސް މިމައްސަލަތައް ސިޔާސީ ކުރުމަށް ބައެއް ނޫސްވެރިން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ، އެކަން އެގޮތަށް ނުކުރެއްވުމަށް މިނިސްޓަރ އެދިވަޑައިގެންފައިވެއެވެ. މީޑިއާއާގުޅޭ މައްސަލަތައް ހުށައަޅާނެ މިނިވަން މުއައްސަސާތައް ޤާއިމުކުރެވިފައިވާ ކަމަށް ވިދާޅުވެ، ނޫސްވެރިންގެ ކަންބޮޑުވުންތައް އެމުއައްސަސާތައް މެދުވެރިކޮށް ސަރުކާރާ ޙިއްޞާކުރެއްވުމަށް ހޯމް މިނިސްޓަރ ވިދާޅުވެފައިވެއެވެ. ނޫސްވެރިން މިއަދު ހުށައެޅި މިޕެޓިޝަނާ ގުޅޭގޮތުން ދައުލަތުގެ އެއްވެސް ބާރަކުން ރަސްމީކޮށް އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.