ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ވަޑައިގަންނަވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމް އިންޑިޔާގެ ވެރިރަށް ނިއުދިއްލީއަށް މިއަދު ވަޑައިގެންފިއެވެ.

މިއީ ރައީސް ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އިންޑިޔާއަށް އެމަނކުފާނު ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އިންޑިޔާ ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ނިއު ދިއްލީއަށް ވަޑައިގަތީ މެންދުރު ފަހުގެ ވަގުތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އިންޑިޔާ ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. 

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ފަސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުން އާމްދަނީގެ ގޮތުގައި ދެފަހަރަށް ޓެކްސް ނެގޭ ނެގުން ހުއްޓާލުމުގެ އެއްބަސްވުމާއި، ޓެކުހުގެ މުޢާމަލާތުކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމާއި، ރާއްޖޭގެ މިސްކިތްތައް މަރާމާތުކޮށް ދެގައުމު ގުޅިގެން ތަހުލީލްކުރުމާއި، ސާރވޭކުރުމަށް އެއްބަސްވުން ހިމެނެއެވެ. އަދި "ސައުތު އޭޝިއާ ސެޓެލައިޓް "ގެ އޯރބިޓް ފްރިކުއެންސީ ކޯޑިނޭޝަނާއި ގުޅޭގޮތުން ދެޤައުމުގެ ދެމެދުގައި އެއްބަސްވުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުން އެއްބާރުލުން ދިނުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.  

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މާދަމާގެ ހެނދުނުގެ ވަގުތުގައި އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސުވަރާޖާއި ބައްދަލުކުރައްވާނެއެވެ. މި ބައްދަލުކުރެއްވުން އޮންނާނީ ނިއުދިއްލީގެ ލީލާ ޕެލަސް ހޮޓެލްގައެވެ. ދެޤައުމުގެ ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. އެގޮތުން މެންދުރުފަހު ހައިދުރަބާދު ހައުސްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާ ދެޤައުމުން ގުޅިގައިވާ ސްޓޭޓްމަންޓު ނެރުއްވާނެއެވެ. އެއަށްފަހު ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގައި އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީއާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ، މިއަދު އިންޑިޔާގެ ނިއުދިއްލީއަށް ވަދައިގަތުމުން އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ އިންޑިޔާގެ މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް ކަލްޗަރ، ޑރ. މަހޭޝް ޝަރުމާ އާއި އިންޑިޔާގެ މިނިސްޓަރ އޮފް ސްޓޭޓް އޮފް ސިވިލް އޭވިއޭޝަންއެވެ. 

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫންއާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފާއި، ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދާއި، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ ބައިވެރިވެވަޑައިގަންނަވައެވެ.