ޚަބަރު

ގުޅުންތަކަށް ހީނަރުކަން އަންނަފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން: ސަރުކާރު


  • ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވަނީ އަމިއްލަ ޚިޔާލުތަކެއް

  • ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޒިންމާދާރުކަމާއެކު ބޭނުންކުރަން ގޮވާލި

  • ޤައުމުތަކާމެދު އޮންނަ ގުޅުމަށް ހީނަރުކަން އަންނަފަދަ ކަންކަން ނުކުރުމަށްވެސް ގޮވާލި

ބައިނަލްއަޤްވާމީ ގުޅުންތަކަށް ހީނަރުކަން އަންނަފަދަގޮތަށް ސޯޝަލް މީޑިއާގައި ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ފަސްނުޖެހޭނެކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާއަށް އިޙްތިރާމްކުޑަވާގޮތަށް ބައެއް ދިވެހިން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޚިޔާލުތަކާގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ބޭރު ޤައުމުތަކުގެ ބައެއް ލީޑަރުންނާއި އޮފިޝަލުންނަށް އިޙްތިރާމްކުޑަވާގޮތަށް ސޯޝަލް މީޑިއާގައި އަމަލުކޮށްފައިވާކަން ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ އެ ފަރާތްތަކުގެ އަމިއްލަ ޚިޔާލާއި ވިސްނުންކަމަށާއި، އެއީ ދިވެހި ސަރުކާރުގެ ވިސްނުމެއް ނޫންކަމަށެވެ.

ސަރުކާރުން ގަބޫލުކުރައްވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަން ޖެހޭނީ ޒިންމާދާރުގޮތެއްގައި ކަމަށާއި، ނަފުރަތާއި ފިތުނަ އުފެއްދުމަށް ނުވަތަ ރާއްޖެއާއި އެހެން ޤައުމުތަކާ އޮންނަ ގުޅުމަށް ހީނަރުކަން އަންނަގޮތަށް ޢަމަލުނުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޤައުމުތަކުގެ ލީޑަރުންނާއި އޮފިޝަލުންނާމެދު އިޙްތިރާމްކުޑަވާގޮތަށް ސޯޝަލް މީޑިއާގައި ޢަމަލުކުރާ ފަރާތްތަކާމެދު ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.