ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގައި އީވޯޓިން ސިސްޓަމް ބޭނުންކުރަނީ


ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖޭގެ 3 ސަރަޙައްދެއްގައި އީވޯޓިން ސިސްޓަމް ބޭނުންކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. 

ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިލެކްޓްރޯނިކް ވޯޓިން ނިޒާމު މެދުވެރިކޮށް ވޯޓުލުން ކުރިއަށްގެންދާ ސަރަޙައްދުތަކުގައި ކަރުދާސް ބޭނުންކޮށްގެން ވޯޓްލުންވެސް ކުރިއަށް ގެންދިއުމަށް ނިންމަވައިފައިވާކަމަށެވެ. އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ތާރީޚްގައި މުޅިން އަލަށް އިލެކްޓްރޯނިކް ވޯޓިން ނިޒާމު ލޯންޗް ކުރައްވާނެ ކަމަށާއި، މިއީ ރާއްޖޭގެ އިންތިޚާބުގެ ނިޒާމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އެގޮތުން އިންތިޚާބީ ދާއިރާތައް ކަނޑައެޅުއްވުމަށްޓަކައި ރަށްރަށުގެ އާބާދީއާގުޅޭ މަޢުލޫމާތު ކައުންސިލްތަކާއި، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން މެދުވެރިކުރައްވައި ހޯއްދަވަމުން ގެންދަވާކަމަށެވެ. އަދި އިންތިޚާބުތަކާ ދިމާކޮށް އިލެކްޝަންސް ކޮމިޝަނުން އާދައިގެމަތިން ކުރިއަށްގެންދަވާ ވޯޓަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައްވެސް މިހާރު ފައްޓަވާފަވާކަމަށް އަކްރަމް ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލް އިންތިޚާބަށް ބޭނުންވާ ޓެކްނޮލޮޖީ ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއްވައެވެ. 

ލޯކަލް ކައުންސިލް އިންތިޚާބުގައި އޮންލައިންކޮށް ވޯޓަށް ރަޖިސްޓްރީވެ، އޮންލައިންކޮށް ރަޖިސްޓްރީވިކަމުގެ ސްލިޕް ފޮނުވޭފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސަވަމުން ގެންދަވާކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުންދާއިރު، މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަރު ހުޅުއްވާލައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއްވައެވެ. މިހާރު ހުރި ކައުންސިލްތަކުގެ ދައުރު އަންނަ އަހަރުގެ ކުރީކޮޅު ހަމަވާނެއެވެ.