ޚަބަރު

މޯލްޑިވިއަން އިން އުމްރާ ވިސާގެ ޚިދުމަތް ތަޢާރަފްކޮށްފި


ޤައުމީ އެއާރލައިން، މޯލްޑިވިއަން އިން އުމްރާ ވިސާގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ. 

މޯލްޑިވިއަންގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ހާރިސް ވިދާޅުވީ، ކުރިއަށް އޮތް 3 ހަފްތާތެރޭގައި ވިސާގެ ޚިދުމަތް ދެއްވުމަށް ނިންމަންޖެހޭ މަސައްކަތް ނިންމައި، ވިސާ ޕްރޮސެސިންގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ. ސަޢޫދީއާއެކު ކުރެވުނު މަސައްކަތް ވަރަށް ކާމިޔާބު ކަމަށާއި، ވިސާގެ ޚިދުމަތާއެކު ޕެކޭޖްވެސް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ހާރިސް ވިދާޅުވިއެވެ. ޕެކޭޖްގެ ތެރޭގައި ޓްރާންސްޕޯޓް އަދި އެކޮމޮޑޭޝަންވެސް ހިމެނޭ ޕެކޭޖްތައްވެސް ހިމެނޭކަން ހާރިސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ވިދާޅުވީ، މޯލްޑިވިއަންގެ މި ޚިދުމަތާއެކު، މިއީ ފާއިތުވި 2 އަހަރެއްގެ ތެރޭގައި އުމްރާ ވިސާ ހޯދުމަށް ދިމާވި ދަތިތައް ޙައްލު ކުރެއްވުމަށް އެޅުނު ބޮޑު ފިޔަވަޅެއް ކަމަށެވެ. އަދި މި އަހަރު ރަމަޟާންމަހު ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީން ވިސާގެ ޚިދުމަތް ތަޢާރަފް ކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އުއްމީދަކީ ވަރަށް އަވަހަށް އެކަން ހަމަޖެހި އުމްރާއަށް ދާ ފަރާތްތަކަށް ފަސޭހަ ޚިދުމަތްތަކެއް ލިބުން ކަމަށެވެ.