މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ތަޢާރަފްކޮށްފައިވާ މުއައްޒަފުންގެ ސްކީމްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ބައިވެރިވެ، އެކަމުގެ އެއްބަސްވުމުގައި ދެ ކުންފުނިން މިއަދު ސޮއިކޮށްފިއެވެ. އެމްއޭސީއެލްއަކީ މި ސްކީމްގައި މިހާތަނަށް ބައިވެރިވި، މުވައްޒަފުން އެންމެ ގިނަ ކުންފުންޏެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ތަޢާރަފްކޮށްފައިވާ މުވައްޒަފުންގެ ސްކީމަކީ ކޮންމެ މަހަކު މަދު ޢަދަދެއްގެ ފައިސާ ދައްކަމުން ގޮސް، ފައިސާ ހަމަކޮށްގެން، ޙައްޖަށް ދިއުމުގެ މަގު ތަނަވަސްކޮށްދޭ ސްކީމެކެވެ. މި ސްކީމްގައި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތައް އަންނަނީ ބައިވެރިވަމުންނެވެ. މި ސްކީމްގައި އެންމެފަހުން މި ބައިވެރިވީ އެމްއޭސީއެލްއެވެ.
އެ ކުންފުނީގެ މުވައްޒަފުން މި ސްކީމްގައި ބައިވެރިކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ، މުވައްޒަފުންގެ ޙައްޖު ސްކީމްގައި އެކުންފުނިން ބައިވެރިވީ ޙައްޖަށް ދިއުމަށް ބޮޑު ހޭދައެއްކުރަން ޖެހޭއިރު، މިފަދަ ސްކީމެއްގައި ބައިވެރިވެގެން މުވައްޒަފުންނަށް ޚަރަދުކުޑަ ގޮތެއްގައި ޙައްޖަށް ދިއުމުގެ ފުރުޞަތު ހޯއްދަވައިދެއްވަމުގެ ގޮތުން ކަމަށެވެ. ޢާދިލްގެ ވާހަކައިގައި އެއަރޕޯޓް ކޮމްޕެނީން މިދިޔަ އަހަރުވެސް 10 މުވައްޒަފަކަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ދިންކަން ފާހަގަކުރެއްވިއެވެ. އަދި މުވައްޒަފުންގެ ސްކީމްގައި ބައިވެރިވިޔަސް ކުންފުނީގެ ފަރާތުން ކޮންމެ އަހަރަކު 10 މުވައްޒަފަކަށް ދޭ ޙައްޖު ދަތުރު ކުރިއެކޭވެސް އެއްގޮތަށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސް ވިދާޅުވީ މުވައްޒަފުންގެ ސްކީމްގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ ދުރާލައި ރާވައިގެން ފައިސާ ޖަމާކޮށް، މުވައްޒަފުންނަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދެއްވުން ކަމަށެވެ. އަދި މި ސްކީމަށް ގިނަ ޢާންމުންނާއި ސަރުކާރުގެ އިދާރާތަކުން ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށް ޔާމީން ވިދާޅުވިއެވެ. ޕީއެސްއެމްއާ ވާހަކަދެއްކި އެއަރޕޯޓްސް ކޮމްޕެނީގެ ބައެއް މުވައްޒަފުން ބުނީ، މި ސްކީމްގައި ބައިވެރިވުމަށް އެ ކުންފުނިން މަގުފަހިކޮށްދިނީތީ އުފާކުރާ ކަމަށެވެ.
މުވައްޒަފުންގެ ސްކީމްގެ އެއްބަސްވުމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސްއެވެ. މޯލްޑްވްސް އެއަރޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާއެވެ. އެއަރޕޯޓްސް ކޮމްޕެނީގައި 2،500 އަށްވުރެ ގިނަ މުވައްޒަފުން ތިބިއިރު، މީގެ ތެރެއިން 2،400 މުވައްޒަފުންނަކީ ދިވެހީންނެވެ.