ޚަބަރު

ވިއްސާރައިގައި ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި


  • މިސަރވޭގެ ކުރިއަށްދާނީ މިމަހުގެ 8 ގެ ނިޔަލަށް

  • ވިއްސާރައިގައި ގެއްލުންވެގެން ރިޕޯޓުކުރި ގޭބިސީތަކަށް ޒިޔާރަތްކުރާނެ

  • ފެންބޮޑުވެގެން ދުރާލާ އެޅިދާނެ ފިޔަވަޅުތައް ހިއްސާކުރެއްވުމަށްވަނީ ހަމަޖެހިފައި

ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު މާލެއަށް ބޯކޮށްވާރޭވެހި މާލޭގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ގެތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ފައްޓަވައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ވިއްސާރައިގެ ސަބަބުން ލިބިފައިވާ ގެއްލުން ދެނެގަތުމުގެ ސަރވޭ ކުރިއަށްގެންދަނީ މާލެ އޭރިއާ ކޮމާންޑުންކަމަށެވެ. މިސަރވޭގައި ވިއްސާރައިގައި ގެއްލުން ލިބުނު ގެތައް ދެނެގަނެ އެގޭބިސީތަކުގެ ލޮކޭޝަން މެޕްކޮށް ކުރިއަށް އޮތްތަނުގައި ފެންބޮޑުވެގެން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ އެޅިދާނެ ފިޔަވަޅުތައް ހިއްސާކުރައްވާނެކަމަށެވެ. މި ސަރވޭ ކުރިއަށްދާނީ މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށްކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މިވިއްސާރައިގައި ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް އެންޑީއެމްއޭއިންވެސް އަންނަނީ ކުރައްވަމުންނެވެ. އެއިދާރާއިން ވިދާޅުވީ، ވިއްސާރައިގައި ފެންވަދެ 164 ގެއަކަށް ގެއްލުންވި ކަމަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

ޑިސެމްބަރު 31 ވަނަ ދުވަހު މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާއި ގުޅިގެން ހާލުގައިޖެހުނު 11 ގޭބިސީއެއްގެ 46 މީހަކު ވަގުތީ ހިޔާވެއްސަށް ބަދަލުކޮށް 3 ދުވަހުގެ މުއްތަކަށް އެމީހުންގެ ހުރުމާއި ކެއިންބުއިމުގެ ހުރިހާ ޚަރަދެއް ސަރުކާރުން ވަނީ ހަމަޖައްސަވާދެއްވާފައެވެ.