ކުޅިވަރު

ޓީނޭޖް އަތުން ބީޖީއަށް ބޮޑު މޮޅެއް


އެމްޕީއޭލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ކުލަބު ޓީނޭޖް އަތުން ބީޖީ ސްޕޯޓްސް ކުލަބު ބޮޑު މޮޅެއް ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ބީޖީ މޮޅުވީ ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބީޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފަށައިގެން 16 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ހަސަން މާޒިންއެވެ.

އަދި މެޗުގެ 24 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކެޕްޓަން މިގުދާދު ސައީދު ވަނީ ބީޖީގެ ލީޑު ފުޅާކޮށްދީފައެވެ. މިގުދާދު ފޮނުވާލި ޕެނަލްޓީ ޓީނޭޖުގެ ގޯލްކީޕަރު ހުސެއިން ފާޒިލް ދިފާއުކުރި ނަމަވެސް، މިގުދާދު ވަނީ ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މިއީ އޭރިއާ ތެރެއިން ބީޖީގެ މުޒްދާން ހަސަނަށް ޓީނޭޖުގެ ހުސެއިން ފައުޒާން ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.

ބީޖީން ދެވަނަ ލަނޑެއް ޖެހިތާ ތިން މިނެޓު ފަހުން ޓީނޭޖުން ވަނީ މި މެޗުގައި ފަރަގު ކުޑަކޮށްފައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަހުޖަތު އަބްދުލް އަޒީޒެވެ. އެކަމަކު މެޗުގެ 36 ވަނަ މިނެޓުގައި މުޙައްމަދު ނިޝާން ވަނީ ބީޖީއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ބީޖީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ޖަހައިދިނީ މުޒްދާނެވެ. އަދި މެޗުގެ 74 ވަނަ މިނެޓުގައި ބީޖީގެ ފަސްވަނަ ލަނޑު ނިޝާން ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ފަހު ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން އެރި އާލިފް އަލީއެވެ.

މި މުބާރާތުގައި މިއަދު ކުޅުނު މެޗުން ބީޖީ ބޮޑު މޮޅެއް ހޯދިއިރު، އެ ޓީމު ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޓެންޓް ސްޕޯޓްސް ކުލަބު އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މި ފަހަރުގެ މުބާރާތް ކުރިއަށްދަނީ ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި މި މުބާރާތުގައި ޖުމްލަ 15 ޓީމެއް އަންނަނީ ވާދަކުރަމުންނެވެ.