ޚަބަރު

ބައިޑަން ޔަހޫދީންނަށް ތާޢީދުކުރާތީ ނުރުހުންވެ ސަރުކާރުގެ އިސްވެރިއެއް އިސްތިޢުފާ ދެއްވައިފި


ޔަހޫދީން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް އެމެރިކާއިން ތާޢީދުކޮށް، ޔަހޫދީންގެ ޤަތުލުއާންމު ދިފާޢުކުރާތީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރުމަށް ފަހު އެމެރިކާގެ ތަޢުލީމާ ބެހޭ ވުޒާރާގެ އިސްވެރިއެއް އިސްތިޢުފާ ދެއްވައިފިއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވަކިވެފައި ވަނީ އެޑިޔުކޭޝަން ޑިޕާޓްމަންޓްގެ އޮފީސް އޮފް ޕްލޭނިން، އިވެލުއޭޝަން އެންޑް ޕޮލިސީ ޑިވެލޮޕްމަންޓްގައި ސްޕެޝަލް އެސިސްޓެންޓްގެ މަޤާމު ފުރުއްވަމުން ގެންދެވި ޠާރިޤް ޙަބަޝެވެ.

"ޔަހޫދީން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާންތައް ހިންގަމުންދާއިރު، [އެމެރިކާގެ] ސަރުކާރުން އެ ކަން ނުފެންނަ ކަމަށް ހަދައިގެން ހުރުމާ މެދު އެއްޗެއް ނުބުނެ ހުރެވޭކަށް ނެތް. އިންސާނީ ޙައްޤުތަކާ ބެހޭ އެންމެ ފުންނާބުއުސް މާހިރުން އެ ވިދާޅުވަނީ ޔަހޫދީން ހިންގަމުން އެ ދަނީ ޤަތުލުއާންމެކޭ،" އެމެރިކާގެ ތަޢުލީމާ ބެހޭ ވަޒީރު މިގޭލް ކާރޑޯނާއަށް ފޮނުއްވި އިސްތިޢުފާގެ ސިޓީގައި ޙަބަޝް ލިޔުއްވާފައިވެއެވެ.

ޙަބަޝަކީ ފަލަސްޠީން ދަރިކޮޅަށް ނިސްބަތްވާ މީހެކެވެ. އަދި، ދަރިވަރުންގެ ދަރަންޏާ ބެހޭ ދާއިރާގެ މާހިރެއް ވެސް މެއެވެ. ބައިޑަންގެ ސަރުކާރުގެ ކުރީކޮޅު ތަޢުލީމާ ބެހޭ ވުޒާރާއަށް އޭނާ ޢައްޔަން ކުރައްވާފައި ވަނީ ދަރިވަރުންގެ ދަރަނި މެނޭޖު ކުރެވޭނެ ސިޔާސަތުތަކެއް ކަނޑައެޅުމުގެ މަސައްކަތް ވިލަރެސް ކުރުމަށެވެ.

މި އަހަރު އެމެރިކާގައި ބާއްވަން ތައްޔާރުވަމުންދާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން ބައިޑަން އިޢުލާނު ކުރައްވާފައިވާއިރު، އޭނާގެ ކެމްޕޭން ޓީމުގައި އިސްކޮށް ޙަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވެސް ވަނީ ޔަހޫދީންގެ ލާއިންސާނީ ޢުދުވާނާ ގުޅޭ މައްސަލައިގައި ބައިޑަން ގެންގުޅޭ ސިޔާސަތަށް ފާޑު ކިޔާފައެވެ. އޭގެ ތެރެއިން 17 މީހަކު ވަނީ އެ ކަމާ މެދު ނުރުހުން ފާޅުކޮށް ބައިޑަނަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އެ މީހުން ވަނީ ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް ހުއްޓުވަން ބައިޑަނަށް ބާރު އަޅާފައެވެ. އަދި އެ ގޮތަށް އަމަލު ނުކޮށްފި ނަމަ، ގިނަ ޢަދަދެއްގެ ވޯޓުތަކެއް ގެއްލިގެންދާނެ ކަމުގެ އިންޒާރު އެ މީހުން ދީފައިވެއެވެ.

"ބައިޑަންގެ ކެމްޕޭން ޓީމުގައި މަސައްކަތް ކުރާ ގިނަ ޢަދަދެއްގެ ވޮލަންޓިޔަރުން ކެމްޕޭން ދޫކޮށް ގޮސްފި. ކޮންމެ އިންތިޚާބެއްގައި ޑިމޮކްރެޓިކް ޕާޓީއަށް ވޯޓުލާ ގިނަ ޢަދަދެއްގެ ބަޔަކު [ޔަހޫދީންގެ ލާއިންސާނީ ޢުދުވާނާ މެދު ބައިޑަން ގެންގުޅުއްވާ ސިޔާސަތާ ގުޅިގެން] އެ މީހުންގެ ވިސްނުން ބަދަލުކޮށްފި،" އެ މީހުން ސިޓީގައި ލިޔެފައިވެއެވެ. ނޫސްތަކުގައި ޝާއިޢު ކޮށްފައިވާ މި ސިޓީއާ ގުޅޭ ގޮތުން ބައިޑަންގެ ކެމްޕޭން ޓީމުން ރަސްމީ ހައިސިއްޔަތެއްގައި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމުގެ މައްސަލަ ދެކުނު އެފްރިކާއިން ދާދި ފަހުން ވަނީ އިންސާފާ ބެހޭ ބައިނަލްއަޤުވާމީ ކޯޓު (އައިސީޖޭ)އަށް ހުށަހަޅާފައެވެ. އެ ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިޔު މިލަރ ވިދާޅުވީ، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ޤަތުލުއާންމެއް ހިންގަމުންދާ ކަމަށް އެމެރިކާއިން ގަބޫލު ނުކުރާ ކަމުގައެވެ. އަދި، ޣައްޒާގައި ގަތުލުއާންމެއް ހިންގަމުންދާ ކަމުގެ އެއްވެސް މަންޒަރެއް ފެންނަން ނެތް ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޔަހޫދީންނަށް ފާޑު ވިދާޅުވެ ޙަބަޝް އިސްތިޢުފާ ދެއްވާފައިވާއިރު، އެމެރިކާގެ ޚާރިޖީ ވުޒާރާގެ އިސްވެރިއެއް ކަމުގައިވާ ޖޯޝް ޕޯލް ވެސް ދާދި ފަހުން ވަނީ ބައިޑަންގެ ސަރުކާރުން ވަކިވެފައެވެ. އޭނާ ވެސް ވިދާޅުވެފައި ވަނީ ބައިޑަން ޔަހޫދީންނަށް ތާޢީދުކޮށް ހިތްވަރުދެމުންދާ ކަމުގައެވެ. އަދި، ޔަހޫދީން ހިންގަމުންދާ ގަތުލުއާންމު ނުފެންނަ ކަމަށް ހަދަމުންދާ ކަމުގައެވެ.

2023 ވަނަ އަހަރުގެ ނޮވެންބަރު މަހު އެމެރިކާގެ އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް)ގެ 1,000 އަށްވުރެ ގިނަ މުވައްޒަފުން ވެސް ވަނީ ބައިޑަނަށް ސިޓީއެއް ފޮނުވާފައެވެ. އަދި، ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމަށް ގޮވައިލަން ބައިޑަންގެ ކިބައިން އެ މީހުން އެދިފައިވެއެވެ. އޭގެ ފަހުން ޑިސެންބަރު މަހުގެ ތެރޭގައި ބައިޑަން ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ވަނީ ވައިޓް ހައުސް ކައިރީގައި އެއްވުމެއް ބާއްވައި، ޔަހޫދީން ހުއްޓުވަން މަސައްކަތް ކުރުމަށް ގޮވައިލާފައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 22,300 އަށް އުފުލިފައިވާއިރު، މިއީ ބައިޑަންގެ އެހީތެރިކަމާއި ރުހުމާ އެކު ހިންގަމުންދާ ގަތުލުއާންމެއް ކަން މުޅި ދުނިޔެ ވެސް ގަބޫލު ކުރެއެވެ. އެމެރިކާއިން ދަނީ މި ޢުދުވާން ހިންގުމަށް އެހީތެރިކަން ފޯރު ކޮށްދިނުމުގެ ގޮތުން ޔަހޫދީންނަށް ނުރައްކާތެރި ހަތިޔާރު ފޯރުކޮށްދެމުންނެވެ. ބައިޑަންއަކީ ޔަހޫދީންގެ ގަތުލުއާންމު މުހިންމު ބައިވެރިއެކެވެ.