ޚަބަރު

ތަރައްޤީއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން އިންޑިއާއިން އެހީވާނެ


ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ފުރިހަމަ އެހީތެރިކަން ދެއްވުމުގައި އިންޑިއާއިން ދެމިތިބޭނުކަމުގެ ޔަޤީންކަން އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ޕްރަނާބް މުކަރޖީ ވިދާޅުވީ ރާއްޖޭގެ ދިމުޤްރާތީ ނިޒާމް ހަރުދަނާ ކުރެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އިންޑިއާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ. އެގޮތުން ދައުލަތުގެ މުއައްސަޞާތައް ހަރުދަނާ ކުރެއްވުމަށް ބޭނުންވާ އެހީތެރިކަން އެއްވެސް ހިފެހެއްޓުމެއްނެތި އިންޑިއާއިން ދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.

tw:https://twitter.com/RashtrapatiBhvn/status/719535189471457280

އިންޑިއާގެ ރައީސްގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރެއްވި ޓްވީޓްގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށާއި، އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޖުމްލަގޮތެއްގައި ރާއްޖެ ތަރައްޤީކޮށް ކުރިއެރުމަށް ބޭނުންވާ ހުރިހާ ދާއިރާއަކުން އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ ޚާރިޖީ ސިޔާޞަތުގައި އިންޑިއާއަށް އިސްކަންދެއްވުމަށް ގެންގުޅުއްވާ ސިޔާޞަތަށް އިންޑިއާގެ ރައީސް މަރުޙަބާ ވިދާޅުވެފައިވެއެވެ.

tw:https://twitter.com/RashtrapatiBhvn/status/719535268961890304

އިންޑިއާގެ ޚާރިޖީ ސިޔާޞަތަކީ އަވައްޓެރި ޤައުމުތަކަށް އިސްކަންދިނުމެވެ. ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޢަބްދުﷲ ޔާމީނާއެކު ކުރެއްވި މަޝްވަރާތަކުގައި ބޮޑަށް މަޝްވަރާ ކުރައްވާފައިވަނީ އިޤްތިޞާދީ އަދި ފަރުދީ ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ކަމަށެވެ. އަދި ރައީސްގެ ދަތުރުފުޅުގައި ސޮއިކުރެވުނެ އެގްރީމެންޓްތަކުގެ ސަބަބުން ދެޤައުމަށްވެސް ފައިދާވާނެކަމަށް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ވަނީ މާލެވަޑައިގެންފައެވެ.