މާލޭގެ ހުރިހާ މަގުތަކެއް ރަނގަޅުފެންވަރަކަށް ހަދަން 100 މިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ވިލިމާލޭގެ މަގުތަކާއި ފ.ނިލަންދޫ އެއަރޕޯޓް އެޅުމަށް ބިންހިއްކުމަށް ބޭނުންވާ ސާވޭ އާއި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓްގެ މަސައްކަތް ހަވާލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުންނެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ މަޝްރޫޢުތަކުގެ ތެރޭގައި މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ހިމެނޭކަމަށެވެ. މުއްޠަލިބު ވިދާޅުވީ މާލޭގެ މަގުތައް ހެދިގެން ދާނީ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުން ހިމެނޭ ގޮތަށްކަމަށެވެ. އެއާ އެކީގައި ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމު ވެސް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މާލެއަށް ހައްލެއް ލިބިގެން އަންނާނީ ހުރިހާ މަގުތަކެއް ހަދައި ހުރިހާ ތަނެއްގައި ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމެއް ގާއިމު ކުރެވިގެންކަމަށެވެ.
"އެއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. ޚަރަދުގެ ގޮތުންވެސް ވަރަށް ބޮޑު ވާނެ. އަޅުގަނޑުމެން އެސްޓިމޭޓްކޮށްފައި އޮތް ގޮތުން 100 މިލިއަން ޑޮލަރު ދާނެ އެމަޝްރޫއަށް،" އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ ނަހަދައި އޮތްބައި ފުޅާކޮށްގެން މަސައްކަތް ކުރިއަޔަށް ގެންދިޔުމަށް ރާއްވަވާފައިވާކަމަށެވެ. އަދި އެމަސައްކަތް ކުރިއަށްގެންދާނީ މަގު ހެދުމުގެ މަޝްރޫޢާ ވަކިންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެހެންވީމަ އެ މަސައްކަތަކީ ވަކި ދިމާތަކުން ހައްލެއް ހޯދުމަށް ވުރެ މުޅި މާލެއިން އެއްކޮށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރާނެ ކަމެއް. މީގެކުރިން ފެން ބޮޑުވުމުގެ ހާދިސާއެއް ދިމާވެދާނެ ކަމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރާނަން. ވަގުތީ ގޮތުން ގެންނަން ޖެހޭ ހައްލުތައް ގެންނާނަން. ޕަމްޕުތައް ހޯދާފައި އެއަށް ތައްޔާރުވެގެން އަޅުގަނޑުމެން ތިބޭނީ. އެފަދަ ގެއްލުންތަކެއް ނުލިބޭނެ ގޮތަށް ކަންތައް ކުރެވޭތޯ އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން،" އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިމޭހާ އަވަހަކަށް ކަނބާއައިސާރަނި ހިނގުން އަލުން ތަރައްޤީ ކުރުމަށް ނިންމަވާފައިވާކަމަށެވެ. އެމަގު އަލުން ހެދުމަށް ނިންމަވާފައިވަނީ އެމަގު ހަދާފައިވަނީ ފެން ހިންދާ ރަނގަޅު ނިޒާމަކާއެކުގައި ނުވުމުންކަމަށެވެ. ނަމަވެސް އަލުން މަގު ހަދާނީ ފުރިހަމަ ނިޒާމަކާއެކުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
“ކަނބާ އައިސާރަނިގެ އުތުރު ފަރާތުގައި އެންމެ ބޮޑަށް ފެން ހެދެނީ. އެމަގަކީ އަލަށް ހަދާ 2020 ވަނަ އަހަރު ބޭނުންކުރަން ފަށާފައިވާ މަގެއް. ނަމަވެސް އެތަނުގައި އިނީ އެންމެ ޕަންޕް ސްޓޭޝަނެއް. އިތުރު ކެޕޭސިޓީ ބިލްޑް ކޮށްފައެއް ނުއެއް ނެތް" ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
މިދިޔަ އާދިއްތަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި މާލޭގައި ފެން ބޮޑުވެ، 164 ގެއަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވެއެވެ. އާދިއްތަ ދުވަހު މާލެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގޭގެއަށް އެކިވަރުގެ ގެއްލުންތައް ލިބުނެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކޮށް އާންމުންގެ މުދާތައް ސަލާމަތް ކުރެވޭނީ ހުރިހާ މަގުތަކެއް ހަދައި ސްޓޯމްވޯޓާ ނިޒާމު ވަރުގަދަ ކުރެވިގެން ކަމަށެވެ.