ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުއާންމާ ގުޅިގެން އިންސާފާ ބެހޭ ބައިނަލްއަޤުވާމީ ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މި މަހުގެ 11ން 14އަށް ތާވަލުކޮށްފިއެވެ.
ޔަހޫދީން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނަކީ ޤަތުލުއާންމެއް ކަމަށް ބުނެ އިންސާފާ ބެހޭ ކޯޓަށް މައްސަލަ ވައްދާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ދެކުނު އެފްރިކާއިންނެވެ. އެ ޤައުމުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ 1948 ވަނަ އަހަރުގެ ޤަތުލުއާންމާ ބެހޭ މުއާހަދާއާ ޔަހޫދީން ޚިލާފުވަމުންދާ ކަމުގައެވެ.
އިންސާފާބެހޭ ކޯޓަކީ ދަޢުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގޮތް ނިންމައި އިންސާފު ހޯދައިދޭ އދގެ އެންމެ މަތީ ކޯޓެވެ. އެ މައްސަލައިގައި ޖަވާބުދާރީވުމަށް ކޯޓަށް ހާޒިރުވާނެ ކަމަށް ޔަހޫދީން ވަނީ ބުނެފައެވެ.
އަޑުއެހުންތަކަށް ފަހު ކުއްލި މައްސަލަތަކާމެދު ގޮތެއް ނިންމުމަށް ކޯޓުން ޢާންމުކޮށް އެއް ހަފުތާ ނުވަތަ ދެ ހަފުތާގެ މުއްދަތެއް ނަގައެވެ. ކޯޓުން އިއްވާ ޙުކުމްތަކަކީ އެންމެ ފަހުގެ ޙުކުމްތަކެއް ނަމަވެސް އެ ޙުކުމްތައް ތަންފީޒު ކުރުމުގެ ބާރެއް އެ ކޯޓަށް ލިބިގެނެއް ނުވެއެވެ.
ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވުމުގެ ޢަމުރެއް ނެރެދިނުމަށް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގައި ވަނީ އެދިފައެވެ. ޔަހޫދީންގެ ޢުދުވާނާ ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންނަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމަކާ ކުރިމަތިވެފައިވާ ކަމުގައި ވެސް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.
އިންސާފުގެ ކޯޓުގެ އިތުރުން ދަ ހޭގުގައި ހުންނަ ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުން ވެސް ދަނީ ޔަހޫދީންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންނެވެ.