ޚަބަރު

ޞިއްޙީ ޚިދުމަތުގައި އަމިއްލަ ކުންފުނިތަކުގެ ހިއްސާ ބޮޑު


ރާއްޖޭގެ ސިއްޙީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީ ތަކުގައި އޭ.ޑީ.ކޭ ފަދަ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ ޙިއްސާ ބޮޑު ކަމަށާއި، އެ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތަކީ ސަރުކާރުން އަގުވަޒަންކުރާ ޚިދުމަތެއް ކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލްގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ އާޓިފިޝަލް ބީޗްގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ހެލްތް މިނިސްޓަރ ވިދާޅުވީ، ސިއްޙީ ދާއިރާއިން ރާއްޖެ އެއްދުވަހުން އަނެއް ދުވަހަށް ކާމިޔާބީތައް ހޯދަމުންދާއިރު، އެ ކާމިޔާބީގައި އަމިއްލަ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކުގެ ދައުރުވެސް ބޮޑު ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ސިއްޙީ ދާއިރާއަށް އައި އިންޤިލާބުގައި އޭ.ޑީ.ކޭ ހޮސްޕިޓަލްގެ ދައުރު ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި ސިއްޙީ ދާއިރާ ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭ.ޑީކޭ ހޮސްޕިޓަލްގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ކޭމްޕަށް މިނިސްޓަރ ވަނީ ތަޢުރީފް ކުރައްވާފައެވެ. އަދި ހިލޭ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމްތައް ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރވިދާޅުވީ، އޭ.ޑީ.ކޭއިން ކުރަމުންދަނީ ނަމޫނާ މަސައްކަތްތަކެއް ކަމަށެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުން ކުރިއަށްގެންދިޔަ ކޭމްޕްގައި ސްޕެޝަލިސްޓުންނާއި ސުޕަރސްޕެޝަލިސްޓުންނަށް އެއްހާސް އަށްވުރެ ގިނަ ބަލިމީހުން ދައްކާފައިވެއެވެ. އަދި ގިނަ ބަޔަކު ވަނީ ހަކުރު ބައްޔަށް ސްކްރީންކޮށް، ހަކުރު ބަލީގެ މަޢުލޫމާތު ހޯދާފައެވެ.

ހަކުރު ބައްޔަށް ސްކްރީންކުރެވުނު ފަރާތްތަކުގެ ތެރެއިން ހައި ރިސްކް ފަރާތްތަކަށާއި އުމުރުން 45 އަހަރުން މަތީގެ މީހުންނަށް އަމިއްލައަށް ޓެސްޓް ކުރެވޭ ގުލްކޯމީޓަރ ވެސް އޭ.ޑީ.ކޭ ހޮސްޕިޓަލުންވަނީ ހަދިޔާކޮށްފައެވެ.